ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަހަރެއް ވެފައިވާއިރު އެމަނިކުފާނުގެ ފުރަތަމަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޚުލާސާކޮށްދެއްވައިފިއެވެ.

ރޭ ޕީޕީއެމުން ބޭއްވި "ހިބަރު ވަދު" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މިސަރުކާރަށާއި ސަރުކާރު ކޯލިޝަނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަހަރެއް ވިއިރު ގައުމުގެ އިގްތިސޯދު އަޑި އަޅާލާފައިވާ ކަމަށާއި ގައުމުގެ ހަމަޖެހުން ނަގާލާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޑިމޮކްރަސީގެ ނަމުގައި، ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި އިލްމުވެރިން ހިފާ ހައްޔަރުކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު ރާއްޖޭގެ އިގްތިސޯދު ހުރި ހިސާބާއި މިހާރު ހުރި ހިސާބު ބަލާލާއިރު ދައުލަތުގެ ރިސާވަށް އަތް ބާނައި ހުސްކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ. ބޮލަކަށް ޖެހޭ ފައިސާގެ އަދަދު 4،000 ޑޮލަރުން 12،000 ޑޮލަރަށް އަރާފައިވާނެ ކަމަށާއި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ރާއްޖެ އޮތީ އިގްތިސޯދީ ގޮތުން މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ހިސާބުގައި ކަމަށް ޔާމީން ވިދާޅުވިއެވެ.

މިއަދު ރާއްޖެ އޮތީ ވިޔަފާރި ކުރަން އެންމެ ދަތި ގައުމުތަކުގެ ލިސްޓުން އެއްވަނާގައި ކަމަށް ޔާމީން، މަލާމާތުގެ ރާގަކަށް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ސިޔާސީ މަގާމުތައް ކުރީ ސަރުކާރަށް ވުރެ 170 ވަޒީފާ އިތުރުވެފައިވާ ކަމަށާއި މުސާރަ ވެސް އެހާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ޕާޓީ ކުދިންކޮޅު ހިތްހަމަ ޖައްސައި ދިނުމަށް އުފައްދާ ވަޒީފާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޖުޑީޝަރީ އަށް އަތްބާނަމުން އަންނަ ކަމަށާއި މިހާ ބޮޑަށް ފަނޑިޔާރުގެއާ ކުޅުނު ވެރިކަމެއް ހަޔާތުގައި ވެސް ފެނިފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ޑިމޮކްރަސީ ދިފާއު ކުރަން އައި ވެރިން، އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާފައިވާ މިންވަރަކީ، ޕީޕީއެމް އޮފީސް ކުރިމަތީ އޮތް ޕޭވްމެންޓަށް ނިކުމެ ބަހެއް ބުނެލަން ވެސް ޖާގަ ނުދިނުން ކަމަށް ޔާމީން ވިދާޅުވިއެވެ.

މިވެރިކަން ބަދަލު ކުރާނެ ކަމަށާއި މިއަދު ބާރުގައި ތިބި ބޭފުޅުން އެކަން ނުވާނެ ކަމަށް ހީނުކުރެއްވުމަށް ޔާމީން ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަތުމުން ނުބަލާ ދޫކޮށްލާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ މައްސަލަ ވެސް ބަލާނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި މިސަރުކާރަށް އެ މައްސަލަ ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ފައިސާއިން ފައިސާ ނެގީވެސް މިސަރުކާރުގައި ތިބި ބޭފުޅުން ކަމަށާއި، އެހެންވެ އެމައްސަލަ ބަލަން ނުކުރޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ވެސް ބެލީ ބަލާނެ ގޮތަކަށް ކަމަށާއި ރައީސް ސޯލިހް ރައީސް ކަމުގައި ހުންނެވިހާ ހިނދަކު، ޕޮލިސް ކޮމިޝަނަރަށް އެމްސީ ހަމީދު ހުންނެވިހާ ހިނދަކު އެ މައްސަލަ ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަށް އަހަރެއް ވީއިރު އެޅުނު ފްލެޓެއް ނެތް ކަމަށާއި ކުރެވުނު ހެޔޮ ވެރިކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވައުދު ނުވާ އެއްވެސް ކަމެއް ނެތް ކަމަށާއި އަހަރެއް ވީއިރު ފުއްދުނު ވައުދެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.