މިޔަންމާގައި އަސްކަރީ ބަގާވާތެއްކޮށް އެގައުމުގެ ލީޑަރު އަންގ ސަން ސޫޗީ ހައްޔަރު ކޮށްފިއެވެ.
މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގު ފޯރ ޑިމޮކްރަސީގެ ތަރުޖަމާނު ވަނީ ސޫޗީ ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ސޫޗީ ހައްޔަރުކޮށްފައިވަނީ އެގައުމުގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރާއި، ވަރުގަދަ އަސްކަރިއްޔާއާއި ދެމެދު ހިނގި ހިޔާލު ތަފާތުވުންތަކަކާއިއެކުގައެވެ. އެގޮތުން އެގައުމުގައި ކުރިޔަށްދިޔަ އިންތިހާބު ސައްހަ ނޫން ކަމަށް އަސްކަރިއްޔާއިން ބުނާއިރު، ސޫޗީގެ ސަރުކާރުން ވަނީ އިންތިހާބު ސައްހަ ކަމަށް ބުނެ އަސްކަރިއްޔާއާ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
ސޫޗީގެ ނެޝަނަލް ލީގު ފޯރ ޑިމޮކްރަސީގެ ތަރުޖަމާނު ވަނީ ސޫޗީގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ މިއީ އިންތިހާބީ ސަރުކާރު ވައްޓާލުމަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގާ ބަގާވާތެއް ކަމަށް ބުނެފައެވެ.