ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ ކަންކަން ފަތުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންކުރާ ހަތިޔާރެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޖަމިއްޔަތުއް ސަލަފް އުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސެކިއުލަރިޒަމް އަށަގަންނުވާ، ޣައިރު ދީންތަކަށް ރާއްޖޭގައި ޖާގަ ހޯދާދިނުމަށް އެމްޑީޕީން ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅަށް ސަލަފް ޖަމިއްޔާ އިން އަޑު އުފުލާތީ އެކަން ހަޖަމު ނުވެގެން އެ ޖަމިއްޔާ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ބައެއް ކަމަށް އެއްވެސް ސާބިތު ހެއްކެއްނެތި ނަޝީދު ކުރައްވަމުން ގެންދަވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އަދި ސަލަފް ޖަމިއްޔާއާ ގުޅޭގޮތުން ނަޝީދު ހެއްދެވީ ބޮޑު ދޮގުތަކެއްކަން މިހާރު ފަޅާއަރާ ސާބިތުވެފައިވާއިރު، ނަޝީދަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލު ކުރައްވަން މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގައި އެފަދަ ދެވަނައެއް ނެތްފަދަ ނަމޫނާއެއް ކަމަށް ތާރީހުން ހެކިދޭ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

"ރައީސް ނަޝީދަކީ ލާދީނީ ކަންކަން ފެތުރުމަށް ރައީސް ސޯލިހު ބޭނުންކުރާ ޓޫލްއެއް ކަމުގައި މި ކޯލިޝަނުން ދެކެމެވެ. މި ކަންކަމާ ދެކޮޅަށް ރައީސް ސޯލިހު އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާތީ މި ކޯލިޝަނުން ނިހާޔަތަށް ކަންބޮޑުވެއެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މި ބަޔާނުގައި ވަނީ ވޭތުވެދިޔަ 14 އަހަރު ސަލަފް ޖަމިއްޔާ އިން ކުރަމުންދިޔަ މަތިވެރި އަދި ދީނީ މަސައްކަތްތަކުގައި ސާބިތުވެ ތިބުމަށް އެ ޖަމިއްޔާގެ އިސް ހިންގުންތެރިންނަށް ހިތްވަރު ދީފައެވެ.

އަދި ސަލަފް ޖަމިއްޔާގެ ފަހަތުގައި މި ސަރުކާރުން އަޅުވާލުމަކީ ޝަރުއީ ނިޒާމް ފުނޑާލުމުގެ އަޑު ބޭރު ދުނިޔޭގައި ފެތުރެން ފެށުމުން ބައިނަލްއަގުވާމީ ސަޕޯޓު ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އެ ފަރާތްތައް ރުއްސުމަށްޓަކާ ޖަހާލި މޮޅު ސްޓަންޓެއް ކަމަށްވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.