ދޮށީ އުމުރުގެ މީހުންނާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ. މި އެކްޝަން ޕްލޭންގައި 4 ދާއިރާއަކުން މުހިންމު މަސައްކަތްތަކެއް ކުރުމަށްވަނީ ހިމަނާފައެވެ. 

ދޮށީ އުމުރު މީހުންނާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިފްތިތާޙްކުރި މި ޤައުމީ އެކްޝަން ޕްލޭނަކީ އުމުރުން ދުވަސްވީ މީހުން މުޖުތަމަޢުއިން ބާކީވިޔަނުދީ، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް މުޖުތަމަޢުގެ ޢަޅާލުންތެރިކަން ލިބިގެން ދިރިއުޅޭ ބަޔަކަށް ހެދުމަށް އެކުލަވާލި ޕްލޭނެކެވެ. މި ޕްލޭންގައި އަލިއަޅުވާލާފައިވަނީ މައިގަނޑު 4 ދާއިރާއަކަށެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުނުމުގެ ދާއިރާއިން 11 ޕްރިއޯރިޓީ، މިނިވަންކަމާއި ބައިވެރިވުން އިތުރުކުރުމުގެ ދާއިރާއިން 7 ޕްރިއޯރިޓީ، ސިއްޙަތާއި ދުޅަހެޔޮކަމުގެ ދާއިރާއިން 13 ޕްރިއޯރިޓީ އަދި ދޮށީ އުމުރަށް ތައްޔާރުވުމުގެ ދާއިރާއިން 3 ޕްރިއޯރިޓީއެވެ.

މި 4 ދާރާއިން މައިގަނޑު 34 ޕްރިއޯރިޓީ އެކްޝަންވަނީ ކަނޑައަޅާފައެވެ. އެކްޝަން ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި މުޖުތަމަޢުއާއި އާއިލާގެ ތެރޭގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާތައް ލިބޭނެގޮތް ހަމަޖެހިއްސުމާއި، އަދި އުމުރުން ދުވަސްވުމުގެ ކުރިން މާލީގޮތުން ދަތި ނުވާނެހެން ކަންކަން ރޭވުމަށް މަސައްކަތްކުރުންވެސް ހިމެނެއެވެ. ޖެންޑަރ މިނިސްޓްރީއިން ވިދާޅުވީ މި އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރެވިގެންދާނީ އެކި މުޢައްސަސާތައް ގުޅިގެން، އެކި މުޢައްސަސާތަކަށް ޒިންމާތައް ބަހާލައިގެންކަމަށެވެ.

އެކްޝަން ޕްލޭން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކޮށް އެމީހުންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ރާވާ ހިންގަމުންދާކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން މަރުކަޒެއް ހެދުމާއި، ގޭގޭގައި ދާންމަތިވެފައިވާ މީހުންގެ ނިސްބަތް ދެނެގަތުމާއި، އުމުރުން ދުވަސްވަވީ މީހުންނާއި އެމީހުންގެ އާއިލާތައް އަދިި ޒުވާނުންގެ މެދުގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުން އިތުރުކުރުމާއިގުޅޭ ޕްރޮގްރާމްތައް ހިންގުންވެސް ހިމެނޭކަމަށެވެ.

"2014ވަަނަ އަހަރުން ފެށިގެން ބަލަމުންދަނީ ދާންމަތިވެފައިތިބި މީހުން ގޭގައި ބައިތިއްބައިގެން ފަތުވާދެވޭނި ގޮތް ހެދުމަށް. މިހާތަނަށް މާލެއާއި ހުޅުމާލެ ހިމެނޭހެން 237މީހުން ރެޖިސްޓަރކޮށްފައިވޭ. މިއަހަރުވެސް 30 މީހުން އިތުރަށް ރެޖިސްޓަރކުރި. އަދި 60 މީހަކަށް މިހާރުވެސް މިދަނީ ގެއަށް ގިސް ފަރުވާދެވޭނެގޮތް ހަމަޖައްސަމުން." މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

އަދި އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. 2014ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ %4އަކީ އުމުރުންދުވަސްވީ މީހުންނެވެ. 2054 ވަނަ އަހަރު އަންނައިރު މިއަދަދު %14އަށް އަރާނެކަމަށްވަނީ ބެލެވިފައެވެ. ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެފައިވަނީ ސިޔާސަތުތައް ކަނޑައަޅީ ދިގު މުއްދަތަށް ވިސްނައިގެންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.