ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެކަން ޔަގީންކުރައްވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އަވަސް ފުރުސަތެއްގައި ބައްދަލުވާނެކަމަށް އުންމީދުކުރައްވާކަމަށް ސްރީލަންކާގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ގަދީމީ ވެރިރަށެއް ކަމުގައިވާ އަނުރާދަޕޫރައިގައި މިއަދު ވެރިމުގެ ހުވާކުރެއްވި ގޯޓާބަޔަ، ހޮނިހިރު ދުވަު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ 6.9 މިލިއަން (52.25 ޕަސެންޓު) ވޯޓާއެކުގައެވެ.

ގޯޓާބަޔަ އިންތިހާބު ކާމިޔާބުކުރެއްވިކަން ކަށަވަރުކުރެއްވުމާއެކު އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ވެރީންގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވައެވެ. ގޯޓާބަޔައަށް މަރުހަބާ ވިދާޅުވަމުން ރައީސް ސޯލިހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އުފައްދަވާ ސަރުކާރާއެކު މަސައްކަތްކޮށް، ދެގައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެ ޓްވީޓަށް ޖަވާބުދެއްވަމުން ރައީސް ގޯޓާބަޔަ މިއަދު ވިދާޅުވީ މިހާރުވެސް ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށްވެސް ބަދަހިވާނެކަމާ މެދު ޔަގީންކުރައްވާ ކަމަށެވެ.

އަދި އަވަސް ފުރުސަތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ގޯޓާބަޔަ ވިދާޅުވިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އެގައުމުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައެވެ. ލަންކާގެ ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުން ސަޖިތުއަށް އިންތިހާބުގައި ލިބިވަޑައިގެންނެވ 5.6 މިލިއަން (41.99 ޕަސެންޓު) ވޯޓެވެ.

ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އިރު، ރައީސް ގޯޓާބަޔަ ހުންނެވީ ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީގެ މަގާމުގައެވެ. އަދި އޭރު ލަންކާގައި ހިނގި ދާޚިލީ ހަނގުރާމައިގައި ތަމަޅަ ޓައިގަރުންގެ މައްޗަށް ސްރީލަންކާގެ ސިފައިން ކުރި ހޯދީ މި ދެ ބެއިންގެ ލީޑަޝިޕުގައެވެ.

ރައީސްކަމަށް ގޯޓާބަޔަ ރާޖަޕަކްސަ މިއަދު ހަވާލުވެވަޑައިގެންނެވި އިރު، އެމަނިކުފާނުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދަކީ ސްރީލަންކާގެ ސަލާމަތީ ކަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.