ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ، އެ މަޤާމުން ވަކިކުރުމަށް މަސައްކަތް ކުރަމުން ދަނީ ޤާނޫނާއި ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާދަމް މުހައްމަދު އަބްދުﷲ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަށް ވަކިވަކިން ފޮނުވި ސިޓީއެއްގައެވެ. އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ ކަންކަން ރައްޔިތުން މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ. 

އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވީ ޖޭއެސްސީގެ ޤާނޫނުގެ ދަށުން ތަޙްޤީޤު ކުރެވޭ މައްސަލައިގެ ރިޕޯޓް ލިބޭތާ ހަތް ދުވަސް ތެރޭގައި ރިޕޯޓާއި ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެމައްސަލަ ނިންމުމުގައި ކޮމިޝަނުން ރިއާޔަތްކޮށްދޭން ޖެހޭ ކަންތައްތައް ބަޔާންކޮށް ލިޔުމުން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބެންޖެހޭ ކަމަށެވެ.

ނަމަވެސް އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމިކަން އެނގުނީ މީޑިއާގެ ވަސީލަތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދިއަދަށް ވެސް އަޅުގަނޑާއި ބެހޭ ގޮތުން ކޮމިޝަނުން ނިންމިކަމަށް ބުނާ މިދެންނެވި ނިންމުން ނިންމިގޮތުގެ ރިޕޯޓެއް ވެސް އަޅުގަނޑަށް ލިބިފައެއް ނުވޭ. އެ ކޮމިޝަންގެ މި ދެންނެވި ނިންމުމަކީ އަޅުގަނޑާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ކޮން މައްސަލައެއް ކަން ވެސް އަޅުގަނޑަށް އެނގިފައެއް ނުވޭ.

 އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އާދަމް މުހައްމަދު ވިދާޅުވީ އެ ނިންމުންތަކަށް ބިނާކޮށް އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ އެހުރިހާ ނިންމުންތަކެއް ވެސް ޖޭއެސްސީގެ ޤާނޫނާއި ހިލާފުވާނެ ކަމަށެވެ.

އާދަމް މުހައްމަދުގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުރުމުގެ މައްސަލަ ވެސް މިއަދުގެ މަޖިލިސް ޖަލްސާ އަށް ވަނީ ތާވަލް ކޮށްފައެވެ. ދެބޭފުޅުން މިހާރު ތިއްބެވީ ވެސް މަގާމުގެ ޒިންމާތަކުން ދުރުކޮށް ސަސްޕެންޑް ކުރެވިފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓް އޮޑިޓް ކުރަން ޖޭއެސްސީ އިން މިހާރު ވަނީ ނިންމާފައެވެ. ސުޕްރީމް ކޯޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެއީ އިސްލާހީ މަސައްކަތެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *