ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް 1 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި އެމްޑީޕީއިން ތަހުނިޔާއާ މަރުހަބާ ދަންނަވައިފިއެވެ.

އަނިޔާވެރިކަމާ، ފަސާދައާ، ޚިޔާނަތުން ކިލަނބުވެފައިވާ ވެރިކަމެއްގެ ނިމުމަށްފަހު، ރައްޔިތުންނަށް ހެޔޮ ވެރިކަމާ، އަދުލުވެރި ފަނޑިޔާރުގެ ހަމަހަމަކަމާ އިންސާފުވެރިކަމާއެކު ކޮންމެ ދިވެހި ރައްޔިތަކަށްމެ ޚިދުމަތް ކޮށްދޭނެ ކަމުގެ ވައުދުތަކާއެކު ވެރިކަމަށް ވަޑައިގެން، އެވައުދުތައް ރަނުން ރަނަށް ސަރުކާރުން ފުއްދަވަމުން ގެންދަވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ 2018 ގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ރައްޔިތުން ހާމަކޮށްދީފައިވާ އެންމެ މުހިއްމު އެދުންތައް ކަމުގައި ވީހިނދު، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށާ، އެމަނިކުފާނުގެ ކެބިނެޓަށާ، ސަރުކާރުގެ ވެރިންނާ، އެކި މަޝްރޫއުތަކުގައި ފުރިހަމައަށް މަސައްކަތްކުރައްވަމުން ގެންދަވާ ސިވިލް ސަރވަންޓުންނަށް މަރުހަބާއާ ޝުކުރު އެމްޑީޕީން ވަނީ ކިޔާފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ބިރުވެރިކަމާ ހާސްކަމާ ނުތަނަވަސްކަމުގެ ތެރޭގައި ރައްޔިތުން ވޭތުކުރި އަހަރުތަކަކަށްފަހު، މިސަރުކާރުގެ ވެރިކަމުގައި މިނިވަންކަމާ ހިތްހަމަޖެހުމާއެކު ފާއިތުވި 1 އަހަރު ހޭދަކުރެވިފައިވާކަމީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމޖެހުން ކަމުގައި އެ ޕާޓީން ދެކޭކަމަށެވެ. އަދި ކުށް މަދު އަމާން ވެއްޓެއް ޤާއިމްވުމާއި، ވެރިކަމުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމާއި، ބަނދެވިފައިވާ މިނިވަން މުއައްސަސާތައް ބާރުވެރިވުމާއި، ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދުމަށާއި ޚިޔާނަތްތަކުގެ މައުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިގެން ދިއުމާއި، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ލާމަރުކަޒީ ނިޒާމަށް ގެނެވޭ މުހިއްމު ބަދަލުތަކުން ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމާ އުފާވެރިކަން ލިބެމުންދާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފާއިތުވި އަހަރު ރާއްޖޭގެ އެކި ހިސާބުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫތައް ފެށިގެން ކުރިއަށްދާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތައުލީމާ ސިއްހަތާ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާކަމަށް ވުމަކީ އޯގާތެރި ސަރުކާރަކުން، ފަޚުރުވެރި އާއިލާތަކެއް ބިނާކޮށް ހަގީގީ ޖަޒީރާ ރާއްޖެއަށް ވާސިލްވުމަށް ކޮށްފައިވާ މުހިއްމު މަސައްކަތްތަކެއްކަން ދެކޭކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުގައި ތައުލީމާ، ސިއްހަތާ، ގެސްޓްހައުސް ވިޔަފާރިއާ، ކުޅިވަރާ، އިޤްތިސާދީ އެކި ހަރަކާތްތައް ކުރިއެރުވުމަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެކަމާ މެދު ޔަޤީންކުރާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ރައްޔިތުންނަށް ޚިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަމާ، ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާގެ ބިރުވެރިކަމެއް ކުރިމަތިނުވުމާ، ބޭރު ދުނިޔެއިން އެކަހެރިވެފައިވާ ދިވެހި ރާއްޖެ އަލުން ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމާ، މިފަދަ އެތައް ކަމަކުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއްގެ ފޮނިމީރުކަން ހާސިލްވަމުންދާނެކަމާ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު އިފްތިތާހުކުރެވި ތަރައްޤީގެ މަޝްރޫއުތައް ހިންގާނެ ގޮތުގެ ފުރިހަމަ ރޭވުމަކާ މަންޒަރެއް ރައްޔިތުންނަށް ހުށަހެޅިފައިވާތީ ސަރުކާރުގެ ވައުދުތައް ފުއްދާ ޖަޒީރާ ރާއްޖެމެނިފެސްޓޯއާއި އެޖެންޑާ19 ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަސްނުޖެހޭނެ ކަމާއިމެދު އެމްޑީޕީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.