ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް މަރުކޮމިޝަނަށް ދެއްވާފައިވާ ބަޔާނަކީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ނަފްރަތު އުފައްދަން ކުރައްވާފައިވާކަމެއް ކަމަށް އަދީބުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.

އަދީބުގެ އާއިލާއިން މިހެން ވިދާޅުވީ މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ނާޒިމް ދެއްވި ބަޔާނާގައި ގުޅިގެންނެވެ. އަދީބުގެ އާއިލާގެ ބަޔާނުގައި ވިދާޅުވެފައިވަނީ އަލްމަރްހޫމް ޑރ. އަފްރާޝިމް އަލީގެ ތަހުގީގަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާންނެއް ކަމަށެވެ.

މީގެއިތުރުން އެބަޔާންތަކުގައި އަހުމަދު އަދީބުގެ ނަން ބޭނުން ކޮށްގެން ދައްކާފައި ވަނީ ސާބިތު ނުހިފޭ، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އަދީބަކީ ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދެއްވަން އުޅުއްވި ބޭފުޅެއް ނޫން ކަމަށާއި، ރާއްޖެ ޓީވީ އާ ބެހޭ ގޮތުން އަދީބު އެސްއެމްއެސްއެއް ފޮނުއްވި ވާހަކަ އަކީ ވެސް ދޮގު ވާހަކައެއް ކަމަށް އަދީބުގެ އާއިލާއިން ވިދާޅުވެއެވެ.

ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ އަހުމަދު ނާޒިމް އާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަހުމަދު އަދީބްގެ އިސްތަށިފުޅުގައި، ޑރ އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން އަޅުވަމުން ދިޔައީ ސިޔާސީ ދޮގު ތުހުމަތުތަކެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަހުމަދު އަދީބުގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރައްވާފައިވެއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު މަރު ކޮމިޝަނުން އެކުލަވާލި ރިޕޯރޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމުގެ ބަޔާނާއި ހަވާލާދީ ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު ނާޒިމް އިންނެވީ ރައީސް ޔާމީނު އަރިހުގައި ތާސް ކުޅުއްވަން ކަމަށާއި، އަދީބުގެ މެސެޖް އައުމުން މެސެޖް ވިދާޅުވީވެސް އޭނާ ކަމަށެވެ. އެގޮތުން އައިނު ނާޅުއްވައި ރައީސް ޔާމީނަށް މެސެޖް ވިދާޅުނުވެވޭނެތީ އެ މެސެޖް ކިޔާލުމަށް ރައީސް ޔާމީނު އެދިވަޑައިގަތް ކަމަށާއި، ނަމަވެސް އޭރު އެއީ ކޮންކަމަކާގުޅޭ މެސެޖެއްކަަން އެނގިނުލައްވާކަމަށްވެސް ނާޒިމުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނާޒިމުގެ ބަޔާނުގައި އިތުރަށް ބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2013 ގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "މޯޓިވް" އެއް ކަމަށާއި، އަދީބު ހުންނެވީ ކޮންމެފަދަ ސަބަބެއް މެދުވެރިކޮށްގެންވެސް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމުގެ އަޒުމުގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.