ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އަލުން ނުފަށާ ނިމުނު ހިސާބުން ކުރިޔަށް ގެންގޮސް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރައީސް ޔާމީންގެ މައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް އެ މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން އޮތް ދުވަހު އެ އަޑުއެހުމުގެ ކުރިން ގާޒީ ހައިލަމް ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފަ އެވެ. އެއަށް ފަހު ރައީސް ޔާމީންގެ މައްސަލަ ބެއްލެވުމަށް ވަނީ ފަސް ގާޒީންގެ ބެންޗެއް ނަގައިފަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑު އެހުމުގައި ބެންޗުގެ އިސް ގާޒީ އަލީ ރަޝީދު ވަނީ ފަނޑިޔާރު ބަދަލުވާ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ 152 ވަނަ މާއްދާގެ ދަށުން އަމަލު ކުރަން ޖެހޭ ގޮތް ވިދާޅުވެފަ އެވެ. އެގޮތުން މައްސަލަ އަލުން ބަލަން ނިންމި ދާނެ ކަމަށާއި ނުވަތަ ނިމިފައި އޮތް ހިސާބުން ފަށައިގެން ކުރިޔަށް ގެންދެވި ދާނެ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ގާޒީ ވަނީ ދައުލަތާއި ރައީސް ޔާމީންގެ ވަކީލުން އެކަމާ ގުޅިގެން ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ސުވާލު ކުރައްވައިފަ އެވެ.

ދައުލަތުގެ ފަރާތުން ބުނީ އެ މައްސަލައަކީ ގާޒީގެ އިހްތިޔާރުގައި އޮތް ކަމަކަށް ވާތީ އެ މައްސަލާގައި ކޮންމެ ގޮތަކަށް ނިންމެވި ކަމުގައިވީ ނަމަވެސް އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އެހެން ނަަމަވެސް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އެދުނީ އެ މައްސަލަ އަލުން ފަށައިގެން ކުރިޔަށް ގެންދިޔުމަށެވެ.

ދެ ފަރާތުގެ ވާހަކަ އަޑު އެހުމަށް ފަހު ގާޒީންގެ ބެންޗުން ނިންމީ މައްސަލަ ނިމިފައި އޮތް ހިސާބުން ކުރިޔަށް ގެންދިޔުމަށެވެ. އެގޮތަށް ނިންމި ސަބަބެއް ކަމުގައި ގާޒީ އަލީ ރަޝީދު ވިދާާޅުވީ އެ މައްސަލާގައި ހިމެނޭ ހެކި ބަސް ނެގުމުގެ މަރުހަލާ ވެސް ނިމިފައިވާތީ އެވެ.

އެގޮތުން މި މަހުގެ 28 ވަނަ ދުވަހު މައްސަލަ ނިންމުމަށް ހުކުމް ކުރުން އޮންނާނެ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.