އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ (އެމްޑީއެން) މައްސަލަ އޮއްބާލަން ރިޕޯޓުތަކެއް ނެރުނަސް ރައްޔިތުން އޮޅުވާ ނުލެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިމިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤުރުއާނާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރި ބައެއްގެ ދިފާޢުގައި ވަކާލަތި ކުރި މައްސަލަ އޮއްބާލަން ކިތައްމެ ރިޕޯޓެއް ނެރުނަސް ރައްޔިތުނެއް އޮޅުވައި ނުލެވޭނެ ކަމަށެވެ.

"އިންޝާﷲ ދޮގު ތުހުމަތުކޮށް ހަޤީޤަތް އޮޅޭ ގޮތައް ރިޕޯޓް ތައްޔާރުކުރާއިރު މިނޫން ދުވަހެއް ވާކަން ހަނދާން ނުވަނީތޯ؟ ﷲ އަށް ބިރުވެތިވޭ" އިލްޔާސް ވިދާޅުވިއެވެ.

އަފްރާޝިމްގެ މަރުގެ ރިޕޯޓުގައިވާ ގޮތުން އެމަނިކުފާނު އަވަހާރަކޮށްލާފައިވަނީ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ރާވައިގެންނެވެ. އެ ޖިހާދީ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ.

އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. މި މީހުންގެ ތެރެއިން މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދަކީ މީގެކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައިވެސް މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ ނަމެކެވެ.

މި ރިޕޯޓުގައި ޑރ. އަފްރާޝީމް މަރާލާފައިވަނީ ވަކި ހާއްސަ ވާހަކަތަކެއް ދައްކާތީ ކަމަށް ބަޔާންކޮށްފައިވެެއެވެ. އެވާހަކަތަކުގެ ތެރޭގައި ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއި މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ އެއީ ކަނޑައެޅިގެން ވާޖިބު ބިދުއަ އަދި ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައަޅައިގެން ވަކިގޮތެއް ނިންމޭނޭ މައްސަލަތަކެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވެފައިވާ ވާހަކަ ހިމެނެއެވެ.

ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *