އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީގެ މަރު މައުސޫމް މީހުންނާ ގުޅުވަނީ ހަގީގީ ގާތިލުން ފޮރުވަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ރައީސް ޔާމިން ގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.

ޝަހީމު މިހެން ވިދާޅުވެފައިމިވަނީ އަފްރާޝިމްގެ މަރާ ގުޅިގެން މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމް އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރި އަމަލުތަކުން އޭނާ ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށާއި ޓީވީ ޕްރޮގްރާމާއި ބެހޭ ގޮތުން މަރު ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތު ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އަފްރާޝިމް އަވާހަރަކޮށްލިރޭ ޓީވީއެމްގެ ޕްރޮގްރާމަކަށް އަރަން އަފްރާޝިމް އަށް ބާރު އެޅީ ޝަހީމު ކަމަށެވެ.

އަދި ހާދިސާ ހިނގި ދުވަހުގެ މެންދުރު ޝަހީމްއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"ހޯމަ ވިލޭރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޝަހީމު ކަމާއި، އަދި އެ ޕްރޮގްރާމަށް އަފްރާޝިމް އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި، އެއީ ކުރީން އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާންމުކޮށް އިއުލާން ކުރުމަށްކަން ޝަހީމަށް އެނގިވަޑައިގެންފައިވާ ކަމާއި، އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ އެ ބޭނުމަށްޓަކާ އިސްލާމިކް މިނިސްޓްރީގައި ނޫސް ކޮންފަރެންސެއް ބާވައިދެއްވަން ޝަހީމު ހުށަހަޅުއްވާފައިވާކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވޭ" ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން އެރޭގެ ޕްރޮގްރާމަށް އެރޭނެ ކަމުގެ ޔަގީންކަން ދެވޭނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެރޭގެ ޕްރޮގްރާމަށް އަފްރާޝިމް އަރަން ބޭނުންވި ސަބަބެއް ނޭނގޭ ކަމަށް ވިދާޅުވެ ޝަހީމު ރިޔާސީ ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.