ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ލައިވް ކުރުން ހުއްޓާލައިގެން ނުވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވަކީލުން މިހެން ވިދާޅުވެފައިމިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓީވީން ލައިވްކޮށް ދެއްކުމާ ބެހޭ އުސޫލު މުރާޖައާކޮށް ނިމެންދެން ޝަރީއަތްތައް ލައިވް ކުރުން މަޑުޖައްސާލަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގައި އެންމެ އިސްކޮށް ހުންނަވާ އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވީ އެ މައްސަލަ ލައިވް ކުރުން ހުއްޓާލައިގެން ނުވާނެ ކަމަށާއި މުޅި މައްސަލަ ކުރިން ވެސް ގެންދެވި ގޮތަށް ނިމެންދެން ލައިވް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އަދި މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަކީ އޭގެ ޒާތުގައި ޝަރީއަތް އަދުލުވެރިކޮށް ހިންގުމަށް ލިބުނު ކުރިއެރުމެއް ކަމަށްވސް ޖަމީލު ވިދާޅުވިއެވެ.

"ރައީސް ޔާމީން އަކީ ވަރަށް ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް، ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ލީޑަރު. އެ ބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުންނާއި އަދި ޕާޓީގެ މެމްބަރުން ބޭނުންވާނެ މި ޝަރީއަތުގެ އަސްލަކީ ކޮބައިތޯ އާއި ކިހާ ވަރެއްގެ އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ އަދި އެ އަޑުހާލަން ވެސް. މައްސަލަ ލައިވްކޮށްގެން ގެންދިޔުމަކީ އޭގެ ޒާތުގައި ޝަރީއަތް އަދުލުވެރިކޮށް ހިންގުމަށް ލިބިގެންދިޔަ ކުރިއެރުމެއް" ޖަމީލު ވިދާޅުވިއެވެ.

މި ޝަރީއަތް ލައިވްކުރަން ކޯޓުން ކުރިން އޮތީ ނިންމާފައި ކަމަށާއި ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުވުމާއެކު މުޅި އުސޫލު ބަދަލުވުމަކީ ކަންބޮޑުވުމެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 1:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މައްސަލަ މިހާރު ބެލުމަށް ހަމަޖެހިފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.