ހުކުމް ކުރަން ވެފަ އޮއްވާ ގާޒީ ނަގާ އެއްލާލީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ "ފުނޑާލައިފި" ނަމުގައި އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ދަރުބާރުން އެމަނިކުފާނަކީ ކުށެއްނެތް މީހެއްކަމަށް ނިންމައިފި ކަމަށާއި އެކަން ޤަބޫލު ނުކުރެވިގެން އުޅެނީ ވަކި ބަޔަކަށް ކަމަށެވެ.

"ހުކުމް ކުރަން ވެފަ އޮތްވާ ގާޒީ ނަގާ އެއްލާލީ" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނާއި ދޭތެރޭ މާތް ﷲ ދެރަގޮތެއް މެދުވެރިކުރައްވައިފިނަމަ އެއީ ވަގުތީ ގޮތުން އަންނަ އިމްތިހާނެއް ކަމަށާއި އެހެން ވެއްޖެނަމަ ރައްޔިތުން އިތުރަށް މަސައްކަތް ކުރައްވަން ޖެހޭނެކަމަށެވެ. 

އަދި އެ މަސައްކަތަކީ އެމަނިކުފާނަށް އެކަނި ކޮށްދެއްވަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މި ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ޓަކާ ކުރަންޖެހޭ ކަމެއްކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ވަނީ އެ މަސައްކަތުގައި އުޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތް ކަމަށެވެ. ނަމަވެސް ކުރާ މަސައްކަތް ވަރުގަދަވެ ނަތީޖާ ނިކުންނަ ހިސާބުން ފޮނި ބޯން އަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ނުލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ނަތީޖާ ވަރުގަދަވެ ފޮނި ލިބޭ ހިސާބަށް ދިޔުމުން ދެން ނާންނާތި. އެއީ އަޅުގަނޑުމެން ޖާގަ ދޭނެ ކަމެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިއަދު މަސައްކަތް ކުރަން ނާންނަ މީހުންނަށް ތާ އަބަދަށް އެ ފުރުސަތު ބަންދުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު މި ދައުވާ ކާމިޔާބު ކުރައްވާނެ ކަމަށާއި ރައްޔިތުން އެކަމާއި މެދު ވިސްނާވަޑައިނުގަތުމަށް އެދިލައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.