މިއީ "ކަނދޮޅު އިންދުމުގެ" ސަރުކާރެއް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ހުކުރު ދުވަހުގެ ރޭ "ފުނޑާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި  ރައީސް ޞާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނު ވިދާޅުވީ ފުލުހުންނާއި ސިފައިންނާއި ނުލާ އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި މިއީ "ކަނދޮޅު އިންދުމުގެ" ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރަށް ބަންދު ކަނޑާފައި ތިން މަސް ނުވާ ކަން ތަކުރާރުކޮށް ވިދާޅުވެ، އެ ކުރު މުއްދަތުގައި މި ސަރުކާރުން ހުރިހައި ކަމަކަށް އަތް ބާނާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރަން ނުޖެހޭ ހުރިހައި ކަމެއް ކޯޓުތައް މެދުވެރިކޮށް ކުރުވާފައި އެތަންތަން ފުނޑާލުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާ ކަމަށް ޔާމީނު ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނާ ދޭތެރޭ ޙަސަދަވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ކުރިން ވެރިކަމަށް ވަޑައިގަތީ ބޮޑެތި މައްސަލަތައް ނިންމާ ޙައްލު ހޯދައިދެއްވަން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ބޭފުޅުން އެމަނިކުފާނާމެދު ޙަސަދަވެރިކަމުގައި ކަމެއް ކުރާނަމަ، އެކަން ހުއްޓާލަން ރައީސް ޔާމީނު ގޮވާލެއްވިއެވެ. މިސަރުކާރުން މަސައްކަތް ކުރަނީ ބަދަލު ހިފުމުގެ ރޫޙުގައި ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި، ކުރީ ސަރުކާރުތަކުން ހިންގާފައި ހުރި ކޮރަޕްޝަނުގެ ޢަމަލުތައް ބަލާ އެމީހުންގެ ފަހަތުން ނުދުވާކަމަށް ވިދާޅުވެ، އެހެން ސިޔާސީ ލީޑަރުންވެސް އެފަދަ ވާދަވެރިކަން ގެންގުޅުން ހުއްޓާލުމަށް އެމަނިކުފާނު ތަކުރާރުކޮށް ގޮވާލެއްވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ނިންމި މަޝްރޫޢުތަކުގެ ބަދަލު ހޯދުމަށްޓަކައި މި ސަރުކާރުން އެއްވެސް ކޯޓަކަށް މިހާތަނަށް މައްސަލަ ހުށަހަޅާފައިނުވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ހުރިހާ މަޝްރޫޢުތައް ހިންގާފައިވަނީ ޤާނޫނީ ލަފާ ހޯދައިގެން އެއާ އެއްގޮތަށް ކަމަށެވެ.

އަދި ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީ އެންމެ މޮޅަށް ރައީސްކަން ކުރެވޭނެކަން ޤަބޫލް ކުރާތީ ނޫންކަމަށާއި، ވެރިކަން ކުރަން މާ ބޮޑު ޝައުޤުވެރިކަމެއް އޮވެގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ހިންގަމުންދާ ޝަރީޢަތަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ދައުވާ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި ރައްޔިތުންގެ ދަރުބާރުން މި މައްސަލައާ ދޭތެރޭގައި ޙުކުމް ކޮށްފި ކަމަށާއި އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ކަމަށް ޔާމީނު ވިދާޅުވިއެވެ.

މި ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބެއް ނުބާއްވާނެ ކަމަށާއި ރައީސް ޞާލީހުގެ ވެރިކަން މިހާރު ޚުދުމުހުތާރު ވެރިކަމަށް ބަދަލުވެފައި އޮތް ކަމަށް ވިދާޅުވެ، ޔާމީނު ވަނީ މި ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރުގެ ޤާބިލުކަމާމެދު ސުވާލު އުފައްދަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.