މަނީ ލޯންޑަރިންގެ ދައުވާ ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާއިރު މި މަހުގެ ފަސްވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކުއްލިގޮތަކަށް ޖޭއެސްސީން ސަސްޕެންޑް ކުރުމުން އެ ދުވަހު ބާއްވަން ތާވަލުކުރި ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން "ފުނޑާލައިފި" ގެ ނަމުގައި ބޭއްވި ރެލީގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނާ މެދު ކަންކަން ވާނެ ގޮތަކާ މެދު ނުވިސްނުމަށާއި އިރާދަކުރެއްވިއްޔާ މި ދައުވާ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ ދަރުބާރުން މި މައްސަލައާ ދޭތެރޭގައި ހުކުމެއް ކޮށްފި. އެ ހުކުމް ގަބޫލު ނުކުރެވިގެން މި އުޅެނީ ބަޔަކަށް. އެ ހުކުމް ގަބޫލު ނުކުރެވުނީމާ، ހުކުމް ކުރަން ކުޑަތަންވެފައި އޮއްވާ ގާޒީ ވެސް ނަގައި އެއްލާލީ" ޔާމީން ވިދާޅުވިއެވެ.

އެ މައްސަލައިގައި އަދުލުވެރި ހުކުމެއް ލިޔެވިފައިވާކަން މި ސަރުކާރުގެ ވެރިންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ އެ ފަރާތްތަކަށް އެ ހުކުމް ހަޖަމުކޮށްލަން ނުކުރޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ އެ މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމި ޖަލަށްދާން ޖެހުނު ނަމަވެސް އެއީ ވަގުތީ ގޮތުން އަންނަ އިމްތިހާނެއް ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރު ގިޔަރަކަށް ލައިގެން ކުރުމަށް ވެސް ޔާމީން ވަނީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް ގޮވާލާފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.