މިހާރު ރާއްޖޭގައި ހިނގަމުން އަންނަނީ ރާއްޖޭގައި މިހާތަނަށް ދުވަހަކުވެސް ދެކެފައިނުވާ ވަރުގެ ހުދުމުހުތާރު ވެރިކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން "ފުނޑާލައިފި" ގެ ނަމުގައި މިރޭ ބޭއްވި ރެލީގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުގެ ދެ ބާރު އެކެއްގެ އަތަށް ދިނުމަށްފަހު ދެން އޮތް މިނިވަން ބާރު ކަމަށްވާ ޖުޑިޝަރީ ފުނޑާލުމުން ދެން އުފެދިގެން އަންނަނީ ރަސްކަމެއް ކަމަށާއި އެއީ ރިޔާސީ ނިޒާމުގެ ވެރިއެއް ނޫން ކަމަށެވެ.

އަދި އެފަދަ ހާލަތެއްގައި އުފެދިގެން އަންނަނީ އެންމެ ވަރުގަދަ ނުލަފާ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި މިހާރު ރާއްޖޭގައި އޮތީ އެއަށްވުރެ ނުބައި ނުލަފާ ހުދުމުހުތާރު ވެރިކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިހާރު މިއޮތީ އެއަށް ވުރެ ޖައްބާރު، އެއަށް ވުރެ ނުރައްކާތެރި، އެއަށް ވުރެ ނުބައި ހުދުމުހުތާރު ވެރިކަމެއް ދިވެހިރާއްޖެ ނުދެކޭ މިއިން ދުވަހަކު ވެސް" ޔާމީން ވިދާޅުވިއެވެ.

ޖުޑިޝަރީ ފުނޑާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ ޖުޑިޝަރީ ހަގީގަތުގައި ފުނޑާލީ މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ކަމަށެވެ. އަދި މިހާރު ބައްދަލު ކުރަމުން މި އަންނަނީ އެ ކަންކަމުގެ ނަތީޖާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ރަނގަޅަށް ހިނގާ މުއައްސަސާއެއް ނެތް ކަމަށާއި އެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތި ހިނގާނެ ހުރިހާ މަގެއް ބަންދުވެފައިވާއިރު މި ހާލަތުގައި ސަލާމަތާ ބެހޭ އެންމެ އިސް ބާރުން ކޮށްގެން ތިބި ހުވަޔާ މެދު ވިސްނާލަންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޖުޑިޝަރީ ފުނޑާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ޔާމީން ތުހުމަތު ކުރައްވާފައިވާއިރު އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ވަނީ މިދިޔަ ބުދަ ދުވަހު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށް އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. ބެލެވޭ ގޮތުގައި އެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އަހާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.