ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހެޓްރިކާއެކު ލިތުއޭނިއާ އަތުން 6-0 އިން އެ ޓީމު ހޯދީ ބޮޑު މޮޅާއެކު އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާއި ގާތަަށް ޖެހިލައިފިއެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް ބީ ގެ އެއްވަނައިގައި އުޅެނީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވާ ޔޫކްރޭން އެވެ. އެ ޓީމަށް ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޕޯޗުގަލް އެވެ. ތިންވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

ކޮލިފައިންގެ ފަހު މެޗުތައް ދެން އޮތްއިރު، އާދިއްތަ ދުވަހު ޕޯޗުގަލް ރަށުންބޭރުގައި ނުކުންނާނީ ލަގްޒެމްބާގާ ދެކޮޅަށެވެ. ސާބިއާ އަމިއްލަ ދަނޑުގައި ކުޅޭނީ ޔޫކްރޭނާ އެވެ. ޔޫރޯ އަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ މަގާމަށްދާ ޓީމެވެ. ތިންވަނަ އަށް ދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

ޕޯޗުގަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި 6 ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހުނީ ދެލަނޑެވެ. އެ ޓީމުން މި މެޗުގައި ޖެހި ހަ ލަނޑުގެ ތެރެއިން، ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައި ގައުމީ ޓީމަށް މިހާތަނަށް 98 ގޯލް ހަމަކޮށްފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ ހަަމަކުރަން ރޮނާލްޑޯ އަށް ބޭނުންވަނީ އެންމެ 11 ގޯލެވެ. 

މީގެއިތުރުން، ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު ގައުމީ ޓީމަށް ވަނީ ނުވަ ހެޓްރިކް ހަމަކޮށްފައެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ހެދި 55 ވަނަ ހެޓްރިކެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޕިޒީ އާއި ގޮންކާލޯ ޕަސިއެންސިއާ އަދި ބެނާޑޯ ސިލްވާ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް ބީ ގައި ހިމެނޭ ސާބިއާ ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ލަގްޒެމްބާގް ބަލިކޮށްފައެވެ. ގްރޫޕް އެޗްގައި ހިމެނޭ އަލްބޭނިއާ ވަނީ 2-2 އިން އެންޑޯރާއާ އެއްވަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *