ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލު އިލެކްޓްރޯނިކް ގޭމެއް ކަމުގައިވާ، ޕްލޭޔަރ އަންނައުން ބެޓަލްގްރައުންޑް، "ޕަބްޖީ" ފަދަ އިލެކްޓްރޯނިކް ގޭމްތައް ނުކުޅުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

"ﷲ" ހަނދުމަކުރުމުން އެއްކިބާ ކުރުވާ ކޮންމެ ކަމަކުން ދުރުހެލިވުން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ވަނީ ﷲ ތައާލާ އިންސާނުން އުފައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށް ބުނެފައެވެ.

ﷲ ތައާލާ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަަވަމެވެ."

އަދި މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި، އަދަބުތަކާ ހިލާފު ނުވާގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން ކަމަށާއި, ނަމަވެސް ބައެއް އިލްކްޓްރޯނިކް ގޭމްތަކަކީ، އިސްލާމީ އަޤީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ލޮބުވެތި މުސްލިމު އަހުންނޭވެ! މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި، އަދަބުތަކާ ހިލާފު ނުވާގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް މިއާ ހިލާފަށް ބައެއް އިލްކްޓްރޯނިކް ގޭމްތަކަކީ، އިސްލާމީ އަޤީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެކެވެ. އަދި އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ، އެ ކުޅޭ މީހާ އަޅުވެތިކޮށްލާ ކަމެކެވެ. އެއަށް ދެވި ހިފުމުން އޭނާގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމެވެ. މިފަދަ ގޭމްތަކަކީ ވަޒީފާއާއި އާއިލީ ކަންކަމުގައިވެސް އިިހުމާލު ވެވޭ ކަމެކެވެ. އަދި މިއީ ރައްޓެހިންނާއި ގުޅުން ކެނޑި، މުޖުތަމައުން ތިމާ އެކަހެރި ކުރުވާ ކަމެކެވެ. އުމުރުގެ ބަރަކާތް ކެނޑި، ފައިދާއެއް ނެތްގޮތުގައި ވަގުތު ހޭދަވާ ކަމެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުން އެކަހެރިވެ ސައިތާނާގެ މަގުން ދަތުރުކުރަން މަގުފަހިވާ ކަމެކެވެ. ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިލްކްޓްރޯނިކް ގޭމްތައް ކުޅޭ ޒުވާނުން ކުށްތަކަށް އަރައިގަންނަކަމަށް ދިރާސާތަކުން ހާމަވެފައިވާ ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އެފަދަ ގޭންތައް ކުޅޭ ޒުވާނުންގެ މެދުގައި، ކުށް ކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ހިޔާލު އަށަގަތުމުގެ އިތުރުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ހިޔާލުވެސް އުފެދޭކަމަށްވެއެވެ. ހުތުބާގައިވެއެވެ.

އިލެކްޓްރޯނިކް ގޭމް ކުޅޭ ފަރާތްތަކުގެ ކިބައިން މުރާލިކަން ކެނޑޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ ގޭމް ކުޅުމުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ނޭނގި ހުއްޓައި ލޮލަށް ބޮޑެތި ގެއްލުންތައް ލޮބި، ލޮލުގެ ފެނުމަށް އަސަރު ކުރެއެވެ. ލޭގެ ޕްރެޝަރަށް ބަދަލު އާދެއެވެ. ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވެއެވެ. މިޒާޖަށް ބަަދަލު އާދެއެވެ. ހުތުބާގައިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ "ޕަބްޖީ" އާއި "ޖަސްޓް ކޯސް" އާއި "ޕޯލެމޯން ގޯ" އާއި "ފޯޓްނައިޓް" ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި، ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން ތަފާތު ގެއްލުންތައް ކުރުމަތިކުރުވާ ގޭމްތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

ހުތުބާގައި ބުނީ މޯބައިލް ފޯނާއި ކޮމްޕިޔުޓަރާއި، ޓީވީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ތެރެއިން ގިނަ ގޭމްތަކަކީ ޒުވާނުންގެ ވަގުތުތަކާއި، އަހުލާޤާއި، ސިއްހަތައް ގެއްލުން ހުރި ގޭމްތަކެއް ކަމަށާއި، އެހެންކަމުން ގޭމްތަކަށް އަހުލުވެރިވުން މަދުކުރުމަށް މަސައްކަތް ކުރުމަކީ ޤައުމީ މަސައްކަތެއް ކަމަށެވެ.

މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި ބަލައި ކަމާއި ބެހޭ މުއައްސަސާތަކާއި، އެކިއެކި ޖަމްއިއްޔާތަކާއި ސްކޫލުތަކުގެ ކަމާ ބެހޭ މާހިރުން ގުޅިގެން މަސައްކަތްކޮށް، އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް. ހުތުބާގައި ބުނެފައިވެއެވެ.

ހުުތުބާ ނިންމާލަމުން ވަނީ އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ އޭނާގެ އުމުރުގެ ދުވަސްތައް ކަމަށްބުނެ، އެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަ ނުކުރުމަށް ވަސިއްޔަތް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.