ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށްފަހު ތުރުކީ އާއި ފްރާންސް އަދި އިންގްލެންޑުން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރުކޮށްފިއެވެ.

ކޮލިފައިންގެ ގްރޫޕް އެޗްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އައިސްލެންޑްއާ ދެކޮޅަށް ތުރުކީ ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، މި ގްރޫޕުގައި ހިމެނޭ ފްރާންސުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން މޮލްޑޯވާ ބަލިކޮށްފައެވެ. އަދި އިންގްލެންޑުން ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުޅުނު 1000 ވަނަ މެޗުން ރޭ މޮންޓެނީގްރޯ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މެޗަށް ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ނިކުތްއިރުވެސް، އެ ގްރޫޕުގައި ހިމެނޭ އައިސްލެންޑްއާ ދެކޮޅަށް ތުރުކީ ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވުމުން ތުރުކީ އާއެކު ފްރާންސް ވެސް ވަނީ ޔޫރޯ އަށް ކޮލިފައިވެފައެވެ. މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީވެސް މޮލްޑޯވާ އިންނެވެ. މިއީ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މޮލްޑޯވާގެ ވަޑިމް ރަޓާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، ފްރާންސްގެ ކެޕްޓަން ރަފައެލް ވަރާން ވަނީ މޮލްޑޯވާގެ ގޯލްކީޕަރު އަލެކްސެއި ކޮސެލޭވް އަށް ހެދުނު ގޯހަކުން ޕެނަލްޓީއޭރިޔާތެރެއަށް ވެއްޓުނު ބޯޅައަކުން ވަރަށް ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ބޮލުން ފޮނުވާލައިގެން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ހާފުގައި ފްރާންސްގެ ކިލިއަން އެމްބާޕޭ އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗުގައި ފްރާންސުން ކާމިޔާބުކުރި ދެވަނަ ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ލޫކާ ޑީނިއޭ އަށް މޮލްޑޯވާގެ ވެސެސްލާވް ޕޮސްމެކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ފްރާންސްގެ ލީޑް ފުޅާކުރުމަށް އެންޓޮއިން ގްރީޒްމަންގެ އިތުރުން ޖިރޫ އަދި ޑީނިއޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި މޮޅާއެކު ފްރާންސުން ވަނީ ނުވަ މެޗުން 22 ޕޮއިންޓް ހަމަކޮށް ގްރޫޕުގެ އެއްވަނަ އަށް ޖެހިލާފައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ކުރީން އެންމެ އެއްވަނަ މަގާމުގައި އޮތް ތުރުކީ އެވެ. ތިންވަނައިގައި އޮތް އައިސްލެންޑަށް ލިބިފައިވަނީ ނުވަ މެޗުން 16 ޕޮއިންޓެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މޮންޓެނީގްރޯ ކޮޅަށް އިންގްލެންޑުން ލަނޑު ގޯންޏެއް އޮއްސާލިއިރު، އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލެކްސް އޮކްސްލޭޑް-ޗަމްބަލެއިން އާއި މާކަސް ރަޝްފޯޑްގެ އިތުރުން ޓެމީ އެބްރަހަމް އެވެ. އިންގްލެންޑުން މި މެޗުގައި ޖެހި އަނެއް ލަނޑަކީ މޮންޓެނީގްރޯގެ އަލެކްސަންޑަ ސޯފްރޯންކް އެވެ.

މި މެޗަށް އިންގްލެންޑުން ނިކުތީ އެ ޓީމުގެ ކޭމްޕު ތެރޭގައި ލިވަޕޫލްގެ ޖޯ ގޯމޭޒާ ތަޅާ ފޮޅުމުގެ ސަބަބުން ޓީމުން ބާކީ ކުރި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން ނުލައެވެ.

ރޭގެ ނަތީޖާއާ އެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހަމަކޮށް އިންގްލެންޑުން ޔޫރޯ އަށް ކޮލިފައިވިއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރޭ ކޮސޮވޯ އަތުން 2-1 އިން މޮޅުވި ޗެކް ރިޕަބްލިކް އެވެ.

ތުރުކީ އާއި ފްރާންސް އަދި އިންގްލެންޑް އާއެކު މިހާތަނަށް އައިއިރު 10 ޓީމެއް ވަނީ އަންނަ އަހަރުގެ މުބާރާތުން ޖާގަ ހޯދާފައެވެ. އެއީ، ބެލްޖިއަމް، ސްޕެއިން، އިޓަލީ، ޕޯލެންޑް، ޔޫކްރޭން، ރަޝިޔާ އަދި ޗެކް ރިޕަބްލިކް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *