ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އަމަލުތަކުގެ ސަބަބުން އުއްތަމަ ފަނޑިޔާރާއި މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްއެޅެމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ އާތިކާ އިބްރާހިމް ވަޒީފާ އިން ސަސްޕެންޑް ކުރުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ އެއްވެސް މާއްދާއަކާ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ އާތިކާ ހިލާފު ވެވަޑައިގެންފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް އެ ކޯޓަށް ހުށައެޅިފައިވާ ނެތް އިރު އަދި އޭނާ އެ ޤަވާއިދާ ހިލާފު ވެވަޑައިގަތުމުގެ އެއްވެސް މައްސަލައެއް ވެސް އެ ކޯޓުން ބަލަމުން ނުދާ ކަމަށެވެ.
ކަން އެހެން އޮތްއިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ އެތައް މާއްދާއަކާއި ހިލާފަށް އާތިކާގެ މައްޗަށް ފިޔަވަޅު އަޅުއްވަން އުސޫލުތަކާއި އިޖުރާޢަތުގެތަކުގެ ބޭރުން ތަޢަޞުފީ ގޮތެއްގައި މަސައްކަތް ކުރައްވާކަން އެނގުމާއި ގުޅިގެން ވަރަށް ބޮޑަށް ހައިރާންވެ ހިތާމަ ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މުވައްޒަފަކާ މެދުގައި ފިޔަވަޅު އެޅުމުގެ ކޮންމެ އިޖުރާޢަތެއް ވެސް ހިންގާން ވާނީ އަދުލުވެރި ގޮތުގެމަތީން، ނެޗްރަލް ޖަސްޓިސްގެ އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމާއި އެކު މުވައްޒަފުންގެ ހައްޤުތަކާއި ޝަރުޢީ ދާއިރާގެ މަސްހަތުތަކަށް އިޢާޔަތް ކުރުމާއި އެކު އޯގާތެރިކަމުގެ އަސާސުގެ މައްޗަށް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އާތިކާގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަމެއް އަދި އޭނާގެ މައްސަލައެއް ހުށައެޅިފައިވާ ކަމެއް ވެސް އޭނާ އަށް އެންގުމަކާއި ނުލައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ނުދީ ކުއްލިއަކަށް އޭނާ ސަސްޕެންޑް ކުރުމަކީ ނެޗްރަލް ޖަސްޓިސްއާ ހިލާފަށް މުވައްޒަފުންނާއި މެދު ނާޖާއިޒު ގޮތްގޮތުން ބާރުގެ ބޭނުންކޮށް މުވައްޒަފުން ބުލީ ކުރުމުގެ އަމަލެއް ކަމެއް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އަދި އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި ކޯޓުތަކުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެއިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކުގެ ބާރު ކަނޑުވައިލައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދާ ވެސް ހިލާފަށް އަމަލު ކުރައްވަމުން ގެންދެވުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރާއި މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސް އެޅެމުންދާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާލައްވަމުން ވަނީ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު، ގާނޫނާއި ގަވާއިދުން ބޭރުން، އަނިޔާވެރި އަދި ބޭއިންސާފު ގޮތެއްގައި ޣައިރު ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.