ނުކުޅެދުންތެރިކަމުގެ ބާވަތްތައް ވަކި ކުރުމުގެ އުޞޫލު ޢާންމު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެކި ޚިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް އެކަށިގެންވާ ޙައްލެއް ނުލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރަކީ ރާއްޖޭގައި އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ބަޖެޓުގައި އެކަށިގެންވާ ޢަދަދެއް ޖަހާލަން ކެރުނު ފުރަތަމަ ސަރުކާރު ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަމަށް 3.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގޮތުން، ކުޑަ ކުދިންނާއި ގުޅުން ހުރި ޚިދުމަތް ދިނުމަށް ބޭނުންވާ ފެސިލިޓީސް ޤާއިމުކުރުމަށް 37 މިލިއަން، އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ހުޅުމާލެއާއި ލ. އަތޮޅުގައި ޤާއިމުކުރުމަށް 14 މިލިއަން، އަންހެނުންނަށް ފަރުވާދޭ ރެޒިޑެންޝަލް ފެސިލިޓީސް ޤާއިމުކުރުމަށް 7 މިލިއަން، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ފައިސާގެ ގޮތުގައި 53 މިލިއަން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ފައިސާގެ ގޮތުގައި 216 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތްތަކާއި، ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތައް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަމުގެ ބާވަތްތައް ވަކި ކުރުމުގެ އުޞޫލެއް ޢާންމު ކުރުމުގެ މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.

މިހެން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަޤުބަލެއްގައި އުޞޫލުތައް ޢާންމު ކުރެވޭނެ ކަމަށެވެ.

އުޞޫލްތައް ޤާއިމުކުރުމުގެ ކުރިންވެސް އިތުރު މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެގޮތުން އެ މަސައްކަތް ނިމުމުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އިނާޔަތްތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް އިތުރު އެހީތެރިކަންދޭނެ ގޮތްތައް ދެނެގަނެ އެކަންކަން ތަޢާރަފު ކުރެވޭނެގޮތް ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ކަންތައްތައް ދެނެގަތުމަށްޓަކައި ދިރާސާތައް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަންތައްތަކަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ދައުލަތުން ދޭ އިނާޔަތް ބޮޑު ކޮށްގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން ތަރައްޤީ ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދީ އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތްތައްފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުޞަތުތަކާއި، އިނާޔަތް ދިނުމުގައި އޭގެ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތައް ކަނޑައަޅާ އެ ފަރާތްތަކަށް އެހީތެރިވޭނެ ގޮތްތައް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) ގައި ޤާއިމުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 8 ހާހާއި ގާތްކުރާ ޢަދަދަކަށް އެކިބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިން ރަޖިސްޓަރީކޮށްފައިވެއެވެ.ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއިމާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެޤާނޫނު (8/2010) ގެ ދަށުން، ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ މަަހަކު 2000 ރުފިޔާގެ އެލަވަންސެއް ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.