ރޭ ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީޤުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ކަމަށް އޭނާގެ އާއިލާ އިން މައުލޫމަތު ދީފިއެވެ.
ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމް ޝަފީޤު ނިޔާވީ ރޭ އޭނާގެ މަންމަ އާއި އެކު ސައިކަލްގައި ދަނިކޮށް ސިނަމާލެ ބުރިޖުން ހުޅުމާލެ އަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.
އެކްސިޑެންޓްވުމާއި އެކު އަންޖުމް ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ވިދާޅުވީ، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަންޖުމްގެ މަންމައަށް ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.