ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ބުރިޖާއި ގުޅިފައިވާ ހައިވޭ ނިމޭ ހިސާބުން ހިނގި އެކްސިޑެންޓަށް ފަހު ލިބުނު އަނިޔާތަކުގައި ނިޔާވި 13 އަހަރުގެ ކުޑަކުއްޖާ، ފަރުވާ އަށް ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަަށެވެ.
އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި އިނީ ނިޔާވި އަންހެން ކުއްޖާއާއި އޭނާގެ މަންމައެވެ.
އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ އައި އެމްޓީޓީސީގެ ބަހެއްގައި ޖެހިގެނެވެ.
ދެމައިންގެ އެކްސިޑެންޓާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައީ ހާލަތު ސީރިއަސް ކަމުންނެވެ. އަންހެން މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، އެކްސިޑެންޓާއި ގުޅިގެން މިރޭ 10:40 އެހާކަންހާއިރު އެ ހޮސްޕިޓަލަށް އަންހެނަކު ގެންދިޔަ ކަމަށާއި އެއީ ގދ. މަޑަވެއްޔަށް ނިސްބަތްވާ އުމުރުން 51 އަހަރު އަންހެނެއް ކަމަށެވެ. އެކްސިޑެންޓްގައި އެ އަންހެން މީހާއަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، އެކްސިޑެންޓް ވުމުން ބަސް ވަނީ މަޑުނުކޮށް ގޮސްފައި ކަމަށާއި، ބަސް ހުއްޓުވާފައިވަނީ ހައިވޭ ޔޫ ޓާން ނަގާ ސަރަހައްދުން ކަމަށެވެ. އަދި ބަސް ދުއްވަން އިން 54 އަހަރުގެ ދިވެހި ޑްރައިވަރު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.