ގޭގައި ތިއްބެވި ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރަން މެމްބަރުން މަޖިލީހުގެ ތަޅުމަށް ގެންނަވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ބަޖެޓަށް ބަހުސް ކުރައްވަން މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުގެ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރުސަތަކަށް އެދިވަޑައިގެންފިނަމަ މަޖިލީހުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ފުރުސަތަށްފަހު ދެން ތަޅުން ދޫކުރެއްވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ފުރުސަތު ޖެހޭއިރު މެމްބަރުން ގޭގައި ތިއްބެވި ނަމަ ސާޖެންޓް އޮފް އާމްސް ބޭނުން ކުރައްވައިގެން އެ މެމްބަރުން މަޖިލީހަށް ހާޒިރު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ސާޖެންޓް އޮފް އާމްސް އަރިހު ދަންނަވާނަން ގޭގައި ތިއްބެވިޔަސް ފުރުސަތު ޖެހޭ ގަޑިއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތަނަށް ތި ބޭފުޅުން ގެންނާނަން" ނަޝީދު ވިދާޅުވިއެވެ.
ބަޖެޓް ބަހުސް މިއަދު ފަށާފައިވާއިރު ބަޖެޓަށް ބަހުސް ކުރުމަށް އާންމު ކޮމިޓީން ކަނޑައެޅި އުސޫލަކީ، ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް 15 މިނެޓެވެ. އަދި ކޮމިޓީ މަރުހަލާއަށް ފަހު، ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ވަގުތު ބަޖެޓް ބަހުސްގައި ދޭން ކަނޑައަޅާފައިވެއެވެ.
ބަޖެޓްގެ ބަހުސް ކުރިއަށް ގެންދިއުމުގެ ގޮތުން މިއަދުގެ ޖަލްސާ ހަވީރު 5 ޖަހަންދެން ކުރިއަށްގެން ނިންމާފައިވާއިރު މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.