ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއަށް ފޮނުވި ނޯޓިހާ އެމަނިކުފާނު ހަވާލުވާން ދެކޮޅު ހަދައިފިއެވެ.

ޖޭއެސްސީން ރޭގައި ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންގެންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އެމަނިކުފާނަށް ހަވާލުކުރަންޖެހޭ ނޯޓިހެއް އެ ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް އެނޯޓިސް ހަވާލުކުރުމަށް މިއަދު މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން އެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުހާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެ މުވައްޒަފުގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި، އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖޭއެސްސީގެ ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަމަށް ދެންނެވި ކަމަށް ޖޭއެސްސީން ބުންޏެވެ.

"އެގޮތަށް މުވައްޒަފު ދެންނެވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައެވެ،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރު އެފަދައިން އަމަލުކުރެއްވިއިރު އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައިގައި ތަހްގީގު ކޮމިޓީއަށް ހަޒިރުކުރުމަށްޓަކައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތގައި ދިރިއުޅުއްވާ އެ ފަނޑިޔާރާ ނޯޓިސް ހަވާލުކުރަން މަސައްކަތް ކުރުމުން، އެ ފަނޑިޔާރު ވަނީ ނޯޓިހާ ހަވާލުވެފަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.