އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން 1-0 އިން ޔުވެންޓަސް މޮޅުވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުކުރުމުން ރުޅިއައިސްގެން މެޗު ނުނިމެނީސް ސްޓޭޑިއަމުން ނުކުމެގެން ގެޔަށް ދިޔައީ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި މެޗާއެކު ލީގުގައި މިލާން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް ވަނީ ކުޅުނު 12 މެޗުން 32 ޕޮއިންޓް ހަމަކޮށް ތާވަލްގެ އެއްވަނައަށް ޖެހިލިއިރު، މި މެޗުން ބަލިވި މިލާން އޮތީ 13 ޕޮއިންޓާއެކު 14 ވަނައިގައެވެ. 31 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެލަސް ވެރޯނާ އަތުން 2-1 އިން މޮޅުވި އިންޓަ މިލާނެވެ. ތިންވަނައިގައި އޮތް ލާޒިއޯ އާއި ހަތަރުވަނައިގައި އޮތް ކަލިއާރީ އަށް 24 ޕޮއިންޓް ލިބިފައިވާއިރު، ފައިދާގޯލްގެ ތަފާތުން ކުރިލިބެނީ ލާޒިއޯ އަށެވެ. 

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ރަޝިޔާގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު، ޑެނިއެލީ ރުގާނީ އާއި ޑަނީލޯ އަދި އާރޮން ރަމްސޭގެ އިތުރުން އެޑްރިއެން ރަބިއޯ އާއި ސާމީ ހެދީރާގެ ބަދަލުގައި ރޮޑްރިގޯ ބެންޓަންކޫރް އާއި ފެޑެރީކޯ ބާނަޑެސްކީގެ އިތުރުން ބްލައިޒް މަޓުއިޑީ އާއި މަތައިސް ޑި ލިޓް އަދި ހުއަން ކުއަޑްރާޑޯ އަށް ފުރުޝަތުދީގެންނެވެ.

އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ފޮނުވާލި ހަމަލާ މިލާންގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއިރު، އޭގެފަހުން ބާނަޑެސްކީ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް ރޮނާލްޑޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޑޮނަރުއްމާ އެވެ. މި ހާފުގައި މިލާނަށް ލީޑްނަގައިދިނުމަށް ލޫކަސް ޕަކޭޓާގެ އިތުރުން ތިއޯ ހެނާންޑޭޒް އާއި ކްރިސްޓޯފް ޕިއޮންޓެކް ފޮނުވާލި ހަމަލާތައް ހުށިޔާރުކަމާއެކު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ.


ދެވަނަ ހާފު ފެށިގެން ޔުވެންޓަސް އިން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، އެ ޓީމުގެ ބާނަޑެސްކީ އާއި ހިގުއައިން ގެ އިތުރުން މަޓުއިޑީ އަދި ޕައޮލޯ ޑިބާލާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭގެފަހުން، މިލާންގެ ޕޯލެންޑް ފޯވާޑް ޕިއޮންޓެކް އާއި ހަކާން ޗާހަނޮގްލޫ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޝެޒްނީ އެވެ.

ޔުވެންޓަސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މި ހާފުގެ ކުރީކޮޅު ރޮނާލްޑޯގެ ބަދަލުގައި ކުޅެން ނިކުތް ޑިބާލާ އެވެ. މިއީ ހިގުއައިން ތަނަވަސްކުރި ފުރުޞަތަކުން ޑިބާލާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މިލާނަށް އެއްވަރުކޮށްދިނުމަށް ޗާހަނޮގްލޫ އަށް ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝެޒްނީ މަތަކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ރޮނާލްޑޯއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ރަނގަޅަށް ފިޓްނުވަނީސް ކުޅެން ތައްޔާރުވުމަކީ ރޮނާލްޑޯ އަށް ޝުކުރު އަދާކުރަންޖެހޭ ފަދަ ކަމެއް ކަމަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޕާމާ އަތުން 2-0 އިން އޭއެސް ރޯމާ ބަލިވިއިރު، ޖެނޯއާ އާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ލެއްޗޭ އަތުން 4-2 ގެ ނަތީޖާއަކުން ލާޒިއޯ މޮޅުވިއިރު، ކަލިއާރީ ވަނީ 5-2 އިން ފިއޮރެންޓީނާގެ މައްޗަށް ކުރިހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.