ކޮރަޕްޝަން ނައްތާލުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުޙަލާގައި އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައް ކަަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަަކަފުޅު ދައްކަަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރާ ޙަވާލުވިއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ މުއައްސަސާތަކުގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވެފައި އޮތުން ކަމަށެވެ.

އަދި ހަމައެއާއި އެކު ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖުކުރުމަކީ ބުރަ ނަމަވެސް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ބީލަމުގެ މަރުޙަލާގައި ކުރިމަތިވާ ގޮންޖެހުންތައް ކަމަށެވެ.

ބީލަމުގެ މައްސަލަތައް ބެލުމަށްޓަކައި، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރިވިއު ކޮމިޓީއެއް ވަނީ އެކުލަވައިލާފައެވެ.

ކޮރަޕްޝަން ނައްތާލުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުޙަލާގައި ދިމާވާ ކަންތައްތައް ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ޕްރޮކިއުމަންޓާއި ބިޑުތައް ހުޅުވާލާ ހިސާބަކީ ކޮރަޕްޝަނަށް އެންމެ ބޮޑަށް މަގުފަހިވެގެންދާ ހިސާބުކަމަށް މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކޮރަޕްޝަނަށް ދެނީ ''ޒީރޯ ޓޮލެރެންސް'' އެވެ.

ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ތަޙައްމަލުނުކުރާނެ ކަމުގެ ޔަޤީންކަން ހާމަކޮށްދިނުމަށް އެކުލަވާލަފައިވާ ސިޔާސަތެކެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.