މަތީ ދަރަޖައާއި ޝަރަފުގެ ވަނަ ހޯދައި، އެކި ގޮތްގޮތުން ރާއްޖެ ފަޚުރުވެރިކޮށްދީފައިވާ ފަރާތްތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާދިއްތަ ދުވަހުގެ ރޭ އިނާމު ދެއްވައިފިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 39 ފަރާތަކާއި ރާއްޖޭގެ ދެ ޤައުމީ ޓީމަކަށް ދެއްވާފައިވެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް މޮޅެތި ވަނަތައް ހޯދާފައިވާ ފަރާތްތަކާއި ރާއްޖެއަށް ރީތި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށް ރައީސްގެ ޚާއްޞަ އިނާމު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖަ ހޯދުމުންދޭ އިނާމަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި އަދި ޢިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފު ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާމެއް ކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވައި މެޑަލް ޙާޞިލު ކުރައްވާފައިވަނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ޙާޞިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ.

މި މެޑަލް ޙާޞިލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސަޢީދުވެސް ހިމެނިވަޑައިގަންނެވިއިރު ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅުންނަށްވެސް ވަނީ އެ ޖަލްސާގައި އިނާމު ދެއްވާފައެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށާއި މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން، ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް ވެސް ރައީސް އެ ޖަލްސާގައި އެވޯޑް ދެއްވިކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.