އެމަނިކުފާނު ވިޔަސް އަދި ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައި ވިޔަސް، ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުތިއްބެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނުއަސާސީގައި ވާގޮތުން ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށާ، އެޤާނޫނުއަސާސީގެ 5 ވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގާ އޮންނާނީ ދުސްތޫރީ ސިޔާދަތެއްކަމަށެވެ. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައިއުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގާ ނޯންނާނެކަމަށާ، އެމަނިކިފާނު މަސައްކަތް ކުރައްވަނީ ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، އެންމެ އިސް ވާޖިބުކަމަށް ދެކިގެންކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމު، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔަދިއުމުގެމައްޗަށް ރައިސް އަލިއަޅުއްވާލެއްވިއެވެ. މިއީ ހެޔޮ ބަދަލެއް ކަމުގާ ދެކެން ޖެހޭކަމަށާ، ދައުލަތް ހިންގުމުގެ ނިޒާމަށް އެއައި ބަދަލާއެކު، ޤައުމަށް ވަނީ ތަފާތު ކުރިއެރުންތަކެއް ލިބިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމަހުގެ 17ވަނަ ދުވަސް ވެގެންދަނީ، ދިވެހި ޖުމްހޫރިއްޔަތުގެ 7ވަނަ ވެރިކަން ކަމަށްވާ އެމަނިކުފާނުގެ ވެރިކަމަށް 1 އަހަރު ފުރޭ ދުވަސްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން މިސަރުކާރު އިންތިޚާބުކުރި ސަބަބާ، މިސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިއާސީ އިންތިޚާބުގާ، މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަޝްރޫޢުތައް ހިންގުމާ ޚިދުމަތްތައް ދިނުމުގާ އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީ ކޮށްގެން ނުވާނެކަމަށާ، މި ސަރުކާރު ދެމިއޮންނާނީ، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް، ޚިދުމަތް ކުރުމުގާ ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާ އަމާންކަން ކަށަވަރުކޮށްދިނުމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މިއަހަރުކަމަށާ، ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށް ވުރެ 50 އިންސައްތަ މަދުވެއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމުގެ ތަރައްޤީއަށް ކުރިމަތިވެފާ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް މާލެއަށް ޖަމާކޮށްފާ އޮތުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތަރައްޤީ ހާޞިލްކުރެވޭނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެންކަމަށެވެ. އެގޮތުން، މާލީ ގޮތުންނާ ޤާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމަށް، ޤާނޫނަށް މިހާރު ވާނީ ބޮޑެތި އިޞްލާހްތަކެއް ހުށަހަޅާފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއިޞްލާހްތަކާއެކު، ކައުންސިލްތަކުގެ ބަޖެޓް 2 ގުނަ ނުވަތަ 3 ގުނައަށް އިތުރުވެގެންދާނެކަމަށާ، އޭގެ ސަބަބުން ރަށުގެ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް އަންނަން ފަށާނެކަމަށް ރައިސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓުގެ 11 އިންސައްތަ ޚާއްޞަކޮށްފައިވާނީ، އިޖްތިމާޢީ ރައްކާތެރިކަމަށް ކަމަށާ، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް 12 އިންސައްތަ އަދި ޞިއްހީ ދާއިރާއަށް 11 އިންސައްތަ ޚާއްޞަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި 2021ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަކީވެސް ބޮޑު ބަޖެޓަކަށް ވާނެކަމަށާ، ބަޖެޓްގެ އެންމެ މުހިންމު އަމާޒަކީ، އިންތިޚާބީ އަހަރުކަމުގައިވާ 2023ވަނަ އަހަރަށް މަޑުނުކޮށް، ކުރިއަށް އޮތް ދެ އަހަރު، އާދެ، 2020 ވަނަ އަހަރާ 2021 ވަނަ އަހަރުގެ ތެރޭގާ، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ބޮޑެތި މަޝްރޫޢުތައް ފެށުންކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.