ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން ބޭނުންވެގެން، ސަރުކާރުގެ އިސް ބޭފުޅުން އޭނާއަށް ގުޅިކަމަށް ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވީ، އެބޭފުޅާ މިރޭ ނެރުއްވި ބަޔާނެއްގައެވެ.

ހައިލަމް ވިދާޅުވީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެންމެ ބޮޑަށް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ކަމަށް ޤާޒީ ހައިލަމް ވިދާޅުވެފައިވެއެވެ.

އަދި ސަރުކާރުގެ ބައެއް ފަރާތްތަކުން އޭނާއަށް ގުޅައި ރައީސް ޔާމީން ޖަލަށް ލުމަށް ހުކުން ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވެފައިވެއެވެ.

"އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން، 19މެއި 2019 ބަނަ ދުވަހު އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގެ އެބައޮތްކަަމަށާއި ހުކުމްގެ ކަށަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ" ހައިލަމްގެ ބަޔާނުގައިވެއެވެ.

ހައިލަމގެ ބަޔާނުގައި ވަނީ ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހައިލަމް ވިދާޅުވީ، މީހަކު ޖަލަށްލާނެ ކަމުގެ ޔަޤީންކަން ނުލިބިގެން ޤާޒީއަކު ފަހާ ދުވާއިރު ޖޭއެސްސީގެ ހުރުމަތުން ކޮންމެވެސް ވަރެއް ބާކީ ބެހެއްޓުމަށް ވިސްނަން ވާނެ ކަމަށެވެ.

ރައީސް ޔާމީންއަށް ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން މިހާރު ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ހައިލަމް ވިދާޅުވިއިރު، އެ މައްްސަލާގައި، އެމަނިކުފާނުގެ މައްޗަށް ސާބިތުނުވާ ގޮތަށް ހުކުމް ކުރުމުގެ ގޮތުން ހައިލަމް ދެ މިލިއަން ޑޯލަރު ނަންގަވާފައިވާ ވާ ކަމަށް ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ޤާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހާފައިވާ ފޮޓޯއެއް ވައިބަރ ގްރޫޕަކަށް ހިއްސާ ކުރުމުން، އެކަމަށް ޖަވާބު ދާރީވުމަށް ޖޭއެސްސީއަށް ހާޒިރުވާން އެންގުމުން އެކަމަށް އުޒުރުވެރިވާ ކަމަށް ބުނެ ޖޭއެސްސީއަށް ހާޒިރު ނުވުމުންނެވެ.

ރައީސް ޔާމީންއަށް ހުކުމް އިއްވާ ޝަރީއަތް ބާއްވަން މިހާރު ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.