ޔުނއަޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރސްގެ 19 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވައިފިއެވެ. މިއީ ނޮވެމްބަރ 2018 ގައި އަޔޯރާގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވީފަހުން ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އަޔޯރާގެ މެންބަރ ޤައުމަކަށް ވުމަށްޓަކައި ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން އަޔޯރާގެ މެންބަރު ޤައުމުތަކުން ޤަބޫލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެއިން އަޔޯރާގެ ހިންގުމުގެ ޤަވާއިދުތަކާއި މަޤްސަދުތަށް ކުރިއެރުވުމަށް މަސައްކަތް ކުރަށްވާނެ ކަމުގެ ފުރިހަމަ ޔަޤީން އެރުވިއެވެ. މިބައްދަލުވުން ފެށުމުގެ ކުރިން މިނިސްޓަރ ޝާހިދުވަނީ އަޔޯރާގެ 22 ވަނަ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނު ކަމުގެ ރަސްމީ ލިޔުމުގައި ސޮއި ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ސަރަހައްދުގެ އެއްބައިވަންތަކަން އޮތުމުން ރާއްޖޭގެ ސަރަހައްދު މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވެގެން ދާނެކަމަށް ވިދާޅުވިއެވެ. މިގޮތުން އަޔޯރާއިން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ހިމާޔަތާއި ރައްކާތެރިކަން، ވިޔަފާރިއާއި އިންވެސްޓްމަންޓް، ނޫ އިޤްތިސާދު، މަސްވެރިކަން، އިޤްތިސާދު ކުރިއެރުމުގައި އަންހެނުން ބާރުވެރިކުރުން ފަދަ ކަންކަމަކީ ދިވެހިރާއްޖެއިން އަހަންމިއްޔަތުކަންދޭ ކަންކަން ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އިންޑިޔާ ކަނޑުގު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ޤަވާއިދާ ހިލާފަށް މިސަރަހައްދުން ކުރާ މަސްވެރިކަމާއި، ޓެރެރިޒަމް، އިންސާނީ ވަގުވިޔަފާރީގެ އިތުރުން ހަތިޔާރު ވިއްކުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަންތައްތަކަށާއި، ދިވެހިރާއްޖެއިން ބޭނުންވަނީ ސަރަހައްދުގެ ޤައުމުތަކާ އެކީގައި މިކަންކަން ގާތުން ބަލައި، މިކަމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަނެ، އެކުއެކީގައި މަސައްކަތް ކުރުމަށްކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެޑައިގަންނަވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްއެވެ. މިނިސްޓަރގެ އަރިހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލް ބައިވެރިވެ ވަޑައިގެންވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.