ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކަށްފަހު ޔުވެންޓަސް އާއި ޕީއެސްޖީ އަދި ބަޔާން މިއުނިކް އެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް އޭ ގައި ހިމެނޭ ޕީއެސްޖީން ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ކްލަބް ބްރޫޖް ބަލިކޮށްފައެވެ. ބަޔާނުން 2-0 އިން ގްރީސްގެ އޮލިމްޕިއާކޯސް ބަލިކުރިއިރު، ޔުވެންޓަސް ވަނީ ރަށުން ބޭރުގައި 2-1 އިން ލޮކޮމޯޓިވް މޮސްކޯ އަތުން މޮޅުވެފައެވެ.

ރޭގެ މެޗުތަކަށްފަހު ޕީއެސްޖީ ވަނީ ގްރޫޕް އޭ ގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އޮތް ކްލަބް ބްރޫޖަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އުޅޭ ގަލަތަސާރޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑުޖަހައިދިނީ މައުރޯ އިކާޑީ އެވެ. މިއީ ރަނގަޅު ފޯމެއްގައި ހުރި އިކާޑީ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޖެހި 8 ވަނަ ލަނޑެވެ. މި ހާފުގައި ޕީއެސްޖީގެ ލީޑް ފުޅާކުރުމަށް އެންހެލް ޑި މާރިއާގެ އިތުރުން އިކާޑީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ކޮލިން ޑަގްބާ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ. މީގެއިތުރުން، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ބްރޫޖްގެ އެމްބާއޭ ޑިއާގްނޭ ޖެހި ޕެނަލްޓީ ޕީއެސްޖީ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފައެވެ.

މި ގްރޫޕުގައި ހިމެނޭ ރެއާލް ވަނީ އަމިއްލަ ދަނޑުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަލަތަސާރޭ ބަލިކޮށްފައެވެ. ރޭގެ މެޗު ފެށިގެން ހަތްވަރަކަށް މިނެޓުގެތެރޭގައި ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ 18 އަހަރުގެ ރޮޑްރީގޯ ވަނީ ދެލަނޑުޖަހާފައެވެ. އޭގެފަހުން، މެޗުގެ 14 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޮސް އެ ޓީމުގެ ލީޑް ފުޅާކޮށްދީފައިވާއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކަރީމް ބެންޒެމާ ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގައި ރެއާލުން މެޗުގެ ފަހު 10 މިނެޓުގެތެރޭގައި ވަނީ ދެލަނޑުޖަހާފައެވެ. އެގޮތުން، މެޗުގެ 81 ވަނަ މިނެޓުގައި ރެއާލްގެ ފަސްވަނަ ލަނޑު، ބެންޒެމާ ކާމިޔާބުކުރިއިރު، މެޗުގެ އިތުރުވަގުތުގައި ރޮޑްރީގޯ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ ރެއާލްގެ ތާރީހުގައި ރައުލް ގޮންޒާލޭޒަށް ފަހު އެ ޓީމަށް ހެޓްރިކެއް ހަދައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފަހުވަގުތު ޑަގްލަސް ކޮސްޓާ ވައްދާލި ގޯލާއެކު ގްރޫޕް ޑީ ގައި ހިމެނޭ ޔުވެންޓަސް އިން 2-1 ގެ ނަތީޖާއަކުން ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކުރިއިރު، ފުރަތަމަ ހާފު ނިންމާލީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. ވޭލްސްގެ އިތުބާރު މިޑްފީލްޑަރު އާރޮން ރަމްސޭގެ ގޯލުން ޔުވެންޓަސް ލީޑުނަގާފައިވަނިކޮށް ލޮކޮމޯޓިވަށް އެއްވަރުކޮށްދިނީ އަލެކްސޭއި މިރަންޗުކް އެވެ.

އެ ގްރޫޕްގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ބަޔާ ލެވަކޫސަން އަތުން 2-1 އިން ބަލިވެފައެވެ. އެތުލެޓިކޯ އަށް ހަތަރު މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލޮކޮމޯޓިވް މޮސްކޯ އާއި ހަތަރުވަނައިގައި އޮތް ލެވަކޫސަނަށް ވަނީ ހަތަރު މެޗުން 3 ޕޮއިންޓް ލިބިފައެވެ.

ޖަރުމަން ލީގުގައި ފަހަކަށް އައިސް ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ވަކިކުރުމަށްފަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން އޮލިމްޕިއާކޯސް އަތުން މޮޅުވެ، ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައިވާއިރު އެ ޓީމުން ކާމިޔާބުކުރި ދެލަނޑުޖެހީވެސް ދެވަނަ ހާފުގައެވެ. ބަޔާންގެ ލަނޑުތައް ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީ އާއި އިވާން ޕެރިސިޗް އެވެ. ރެޑްސްޓާ ބެލްގްރޭޑްގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ މޮޅުވީ 4-0 އިންނެވެ. އެ ޓީމުގެ ސޮން ހެއުން-މިން ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޖިއޮވާނީ ލޮ ސެލްސޯ އަދި ކްރިސްޓިއަން އެރިކްސެން އެވެ.

އިނގިރޭސި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 1-1 އިން އެޓަލާންޓާއާ އެއްވަރުވެފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފު ގެ ކުރީކޮޅުގައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެންދަނިކޮށް ސިޓީގެ ލީޑް ފުޅާކުރުމަށް ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެތެރޭގައި، އެޓަލާންޓާގެ މާރިއޯ ޕަސަލިޗް ވަނީ އެއްވަރުކޮށްފައެވެ. ސިޓީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ، އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު އެޑަސަން މޮރައެސް އަށް އަނިޔާވެގެން ބަދަލުގައި ކުޅެން އެރި ކްލައުޑިއޯ ބްރާވޯ އަށް މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.