އިދާރީ މަސައްކަތްތައް ކުރަނީ ކޯޓުގެ އެންމެ އިސް ފަނޑިޔާރުގެ ހައިސިއްޔަތު ކުޑަކޮށް، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރު ކުޑަކުރުމަށް ނޫން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޑީޖޭއޭ އަލުން އެކުލަވައިލެވުނު ހިސާބުން ފެށިގެން، އެ ޤާނޫނުން ޑިޕާޓްމަންޓަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކުރަންޖެހޭ ކަންކަން ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ކޯޓުތަކަށް ބޭނުންވާނެ އެކިއެކި ވަސީލަތްތައް ސަރުކާރާއި އެހެނިހެން އިދާރާތަކުން ހޯދައިދިނުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށާއި، ޝަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

އޭގެއިތުރުން ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ބޭއްވުމާއި، ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނގަނޑު އެކުލަވައިލުމާއި، ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމުން އަންނަކަމަށް ޑީޖޭއޭއިން ބުންޏެވެ. އަދި އެކިއެކި ޖުޑީޝަލް ދާއިރާތަކުގައި މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުމާއި، މިނޫނަސް ގާނޫނުއަސާސީއާއި އެހެން ގާނޫނުތަކުން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުމަކީ މި ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން ބަޔާނުގައި ޑީޖޭއޭއިން ފާހަގަކޮށްފައިވެއެވެ.

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ދައުލަތުން ކުރަމުންދާކަން ފާހަގަކޮށް ޑީޖޭއޭއިން ބުނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ތަޢައްޞުބުން އެއްކިބާވެ، މުސްތަގިއްލުކަމާއި މިނިވަންކަމާއެކު އަދާކުރުމަށް އިދާރީގޮތުން ގެނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، އަހަރުން އަހަރަށް އިތުރުވަމުންދާ ޝަރުއީ ކޭސްލޯޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހެޔޮގޮތުގައި މެނޭޖްކޮށް، އަވަސްކަމާއި ހަލުވިކަމާއެކު ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަގުސަދުގައި، ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމަށް އިދާރީ އިސް މުވައްޒަފުންގެ ގޮތުގައި މުވައްޒަފުން ހަމަޖައްސައި ޝަރީއަތްތައް ހިންގުމުގައި ފަނޑިޔާރުންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑީޖޭއޭއިން ބުންޏެވެ. އަދި މިމަސައްކަތްތަކަކީ ކޯޓު ހިންގުމާ ޙަވާލުވެ ހުންނަވާ އެންމެ އިސް ފަނޑިޔާރުގެ ހައިސިއްޔަތު ކުޑަކޮށް، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރު ކުޑަކުރުމުގެގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، މި ގެނެވުނު ބަދަލަކީ، ކޯޓުތަކުގެ އެފިޝިއެންސީ އިތުރުކޮށް ހަލުވިކުރުމަށް ގާނޫނުން އެކަށައަޅައިފައިވާ ތަރަހައިގެ ތެރޭގައި ގެނެވިފައިވާ ބަދަލުތަކެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނީ އަމާޒަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކޯޓުތަކުގެ ހިންގުން ބައްޓަންކުރުމަށް ކޯޓުތަކުގެ އިދާރީ ހިންގުން އެއްގޮތްކޮށް ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުންވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ހަލުވިކަމާއި ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމް ހަމަޖެއްސުން ކަމާށެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ މައްޗަށް ކުރެހިފައިވާ އައު ތަސައްވުރާއެކު ކޯޓުތަކުގެ ޚިދުމަތް ހޯދަން ފަސޭހަ އަދި ހަލުވިކަމާއެކު ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ވެގެންދިއުން ކަމަށް ވެސް ޑީޖޭއިން ފާހަގަކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.