ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ, އިބްރާހިމް މުހައްމަދު ޞާލިހަކީ ވަގެއް ކަމަށާއި، އެމަނިކުފާނު ވަގުތުން ވަގުތައް މަގާމުން ވަކި ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމެބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ކާބަން ނިއުޓްރަލް ކުރުމުގެ ޤަރާރަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް ޞާލިހް އެ މަޖިލިހުގައި 26 އަހަރު މަސައްކަތް ކޮށްފައި މަކަރާއި ހީލަތުން އެމްޑީޕީއަށް ލިބިފައިވާ ވެރިކަން، ގާސީމް އިބްރާހިމް އާއި އަދާލަތު ޕާޓީއާއި ގުޅިގެން ފޭރިގެންފައިވާ ކަމަށެވެ. އަދި ރައީސް ޞާލިހަށް އެމްޑީޕީ އާއި ނުލައި ވެރިކަން ނުވާނެތީ އެމްޑިޕީ ތެރެއިން ވެރިކަމަށް އައިސް އެ ވެރިކަން އަދާލަތު ޕާޓީއަށާއި ޖުމްހޫރީ ޕާޓީއަށް ފުރޮލާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވަނީ ރައީސް ޞާލިހު މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުންނަަށް ގޮވާލައިފައެވެ.

"ވަގުތުން ވަގުތުން އިބްރާހިމް މުހައްމަދު ޞާލިހް މަގާމުން ދުރުކުރަން އެމްޑީޕީ ހުރިހާ އެކްޓިވިސްޓުން ނުކުންނާށޭ. އެޕަރޭޝަންސް ޖައްސާށޭ. މިތަނުން އޭނާ ވަގުތުން މަގާމުން ދުރުކުރާށޭ. ވައްކަން ކޮށްފިއޭ. އޭނައަކީ ވަގެއްކަން ސީދާ އަޅުގަނޑޭ މިބުނަނީ. އަޅުގަނޑަށް އިނގޭތީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރަކީ ފާޅުގައި މި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.