އެޖަމިއްޔާ އުވާލުމަށް ޔޫތް މިނިސްޓްރީން ނިންމި ނިންމުން އަނބުރާ ގެންދަން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން (އެމްޑީއެން) ގޮވާލައިފިއެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމީ އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް ބެލުމަށްފަހުއެވެ. އެގޮތުން ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ މުއްދަތު ދީފައެވެ.

ސަރުކާރުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީއެން އިން މިއަދު ބުނީ ޔޫތް މިނިސްޓްރީން އެ ނިންމުން ނިންމާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި އަސާސީ ހައްގުތައް ރައްކާތެރި ކޮށްދޭނެ ކަމަށް ރައްޔިތުންނަށް ވައުދުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރެއްހާ ދުވަސް ނުވަނީސް ފާއިތުވި ފަސް ސަރުކާރުގައި ވެސް އަމަލު ކޮށްފައި ނުވާ ފަދަ ގޮތަކަށް މަދަނީ ޖަމިއްޔާއެއް އުވާލައިފައި ކަމަށާއި އެ ނިންމުން އަނބުރާ ގެންދަން ސަރުކާރަށް އެމްޑީއެން އިން ވަނީ ގޮވާލާފައެވެ.

އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އިންސާފުވެރި ތަހުގީގެއްކޮށް، ކުށްވެރިވެއްޖެ ކަމަށް ކަނޑައެޅޭ ހާލަތެއްގައި އެކަމަށް އެކަށީގެންވާ އަދަބެއް ދިނުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު ސަރުކާރުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ސަސްޕެންޑް ކުރުމުން ނުފުދޭ ކަމަށާއި އެމްޑީއެން ވަގުތުން އުވާލުމަށް އިލްމުވެރިންނާއި ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ސަރުކާރަށް ގޮވާލާ ބަޔާންތަކެއް ނެރެފައެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން މިހާރު ވަނީ ޗިޓު ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.