ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް ގައި ރޭ ކުޅުނު މެޗުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގުން ބާސެލޯނާ މޮޅުވިޔަނުދީ ހިފެހެއްޓިއިރު، ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ފަހަތުން އަރައި އިންޓަ މިލާން ބަލިކޮށްފައެވެ.

ރޭގެ މެޗުތަކަށްފަހު މި ގްރޫޕުގެ އެއްވަނައިގައި އަދިވެސް އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު، އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޑޯޓްމަންޑް އެވެ. ތިންވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސްލާވިއާ އޮތީ ދެ ޕޮއިންޓާއެކު އެންމެ ފުލުގައެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ނުކުޅެވުނުއިރު، ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ލެވަންޓޭ އަތުން 3-1 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ވަނީ ތިން ބަދަލެއް ގެނެސްފައެވެ.

ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ނެލްސަން ސެމޭޑޯ އަދި ޖެރަޑް ޕީކޭ ފޮނުވާލި ބޯޅަތައް ސްލާވިއާގެ ކީޕަރު އޮންޑްރޭ ކޯލާ މަތަކުރިއިރު، މެޗުގެ 35 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. މި ހާފުގައި ސްލާވިއާގެ ނިކޮލައި ސްޓެންޗޫ އަށް ލަނޑުޖެހުމަށް ލިބުނު ތިން ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގައި ވެސް ބާސެލޯނާގެ މެސީ އާއި ސާޖީ ރޮބާޓޯ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ކައުންޓާގައި ސްލާވިއާ އިން ދިޔައީ އެ ޓީމުގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ.

ބާސެލޯނާ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ޑޯޓްމަންޑްއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި އިންޓައާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންވެ ސެން ސީރޯގައި އިންޓައާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދެ ވަނަ ބުރަށް ކޮލިފައިވުމަށްޓަކައި ޑޯޓްމަންޑް މެޗުން މޮޅުވާން ބާސެލޯނާ އަށް ޖެހޭނެ އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ އިންޓަ އިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި 3-2 އިން މޮޅުވެފައެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ލޮޓާރޯ މާޓިނޭޒް އާއި މަޓިއަސް ވެސީނޯ ކާމިޔާބުކުރި ގޯލްތަކުން ފުރަތަމަ ހާފު 2-0 ގެ ލީޑެއްގައި އޮވެގެން ނިންމާލިއިރު، ދެވަނަ ހާފުގައި ޑޯޓްމަންޑުން ކުޅުން ރަނގަޅުކޮށް ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ތިން ލަނޑުގެތެރެއިން ދެ ގޯލްޖަހައިދިނީ އަޝްރަފް ހަކީމީ އެވެ. އަނެއް ލަނޑުޖަހައިދިނީ ޖޫލިއަން ބްރެންޓް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް ޖީ ގައި ހިމެނޭ ރަޝިޔާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް އަތުން ރަށުން ބޭރުގައި 2-0 އިން ޖަރުމަންގެ އާރްބީ ލިޕްޒީގު މޮޅުވިއިރު، ފްރާންސްގެ އޮލިމްޕިކް ލިޔޯން ވަނީ 3-1 ގެ ނަތީޖާއަކުން ޕޯޗުގަލްގެ ބެންފީކާގެ މައްޗަށް ކުރިހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.