ޢިމާރާތްކުރުމުގެ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމާއި ގުޅުންހުރި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ރަނގަޅު ބަދަލުތަކެއް ގެނެއުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ހޯމަދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި ރައީސް ވަނީ މަސީގެ އިސްވެރިން ޙިއްސާކުރެއްވި އިމާރާތްކުރުމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަައް އައްސަވައި،އެކަން ޙައްލުކުރަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ޙަރަކާތްތެރިވާ ބޭރުގެ ބައެއް ކޮންޓްރެކްޓަރުން، މަސައްކަތްކުރުމާބެހޭ ޤަވާޢިދާއި އުސޫލުތަކާއި ޚިލާފަށް ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުން މަސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ބައެއް ދާއިރާތަކާއި ގުޅޭ މުހިންމު ޤަވާޢިދުތައް އަދިވެސް ހެދިފައި ނެތުމުން އެކަމުގެ ފައިދާ ބޭރުގެ ބައެއް ފަރާތްތަކަށް ލިބޭގޮތަށް އޮތުމުގެ ކަންބޮޑުވުން ވެސް މަސީގެ ވެރިން ފާޅުކުރެއްވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ބައެއް ޤަވާޢިދުތައް ހުރިގޮތުން މި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާބެހޭ މައުލޫމާތު މަސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބުމުގައި މިހާރު ހުރި ދަތިތައް ފާހަގަކުރައްވައި އެކަމަށް ފަހިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ވެސް މަސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މަސީގެ އިސްވެރިން ރައީސުމްޖުމްހޫރިއްޔާއާއެކު ބޭއްވެވި މި ބައްދަލުވުމުގައި އެ ޖަމުޢިއްޔާގެ އިސްވެރިން ވަނީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދަވާ ބައެއް ކަންކަމުގައި މަސީގެ ޚިޔާލުހުރިގޮތް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން މަސީގެ އިސްވެރިންވަނީ އަންނަ އަހަރަށް ދަޢުލަތުން އެކުލަވާލައްވާފައިވާ ބަޖެޓުގައި ގިނަ ޢަދަދަކަށް އުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނިފައިވާތީ އެއީ އިމާރާތްކުރުމުގެ ސިނާޢަތަށް އެދެވޭ ކުރިއެރުންތަކެއް ގެނެސްދޭނެ ރަނގަޅު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.

މަސީއަކީ އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް ތަމްޞީލުކުރާ ޖަމުޢިއްޔާއެކެވެ. މަސީގައި 384 މެންބަރުން ހިމެނޭއިރު އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ކުދި ނުވަތަ މެދުފަންތީގެ ކުންފުނިތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.