ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް،  20،000 ހައުސިން ޔުނިޓް އެޅުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅުއްވާ ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި، މިސަރުކާރުން ހިންގުމަށް ހަމަޖައްސާފައިވާ 20،000 ހައުސިން ޔުނިޓުގެ ޕްރޮގުރާމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 20،000 ހައުސިން ޔުނިޓް ޢިމާރާތް ކުރުމުގެ އެ މަޝްރޫއަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ހައުސިން މަޝްރޫޢުތަކަށް ވެސް ވަކިން ބަޖެޓްކޮށްފައިވެއެވެ. އެއީ 359 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ ހައުސިން ޔުނިޓްތައް ވެސް ހިމެނެ އެވެ.

ސަރުކާރުން ޢާންމުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ބުނެފައިވާގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް 20،000 ހައުސިން ޔުނިޓު ބޭނުންވެއެވެ.

މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީ ގެދޮރުއެޅުމަށް ފައިނޭންސްދޭ އިދާރާތަކާއި "ފަހި ދިރިއުޅުން ކޯޕަރޭޝަނުން" ވެސް އެކި ޞަރަޙައްދުތަކުގައި ގެދޮރު އަޅާނެ ކަމަށެވެ. އަދި ހައުސިންްގ ލޯނުގެ އިންޓަރެސްޓު ކުޑަކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ބޯހިޔާވަހިކަމަށް 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރަން މިސަރުކާރުން ނިންމާފައިވާ ހައުސިން ޕްރޮޖެޓްތަށް ފެށުމަށްޓަކައި ތައްޔާރީތައް ވަމުންނެވެ. މީގެއިތުރުން މާލެއާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމާއި މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ވެސް ބަޖެޓްގެ ތެރެއިން މަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.