ސްކޮލަރޝިޕްގެ ގޮތުގައި 796.74 މިލިއަން ރުފިޔާ ހޭދަ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މަތީ ތަޢުލީމަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. 2020 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހޯމަ ދުވަހުގެ ޖަލްސާގައި ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓަކަށް ވެގެންދާނީ މި ބަޖެޓު ކަމަށެވެ.

ތަޢުލީމީ ދާއިރާއަށް 4.4 ބިލިއަން ރުފިޔާ ހޭދަކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރިކަރަންޓު ޚަރަދުގެ ގޮތުގައި ވަނީ 3794 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އެގޮތުން ސްކޮލަރޝިޕް ދިނުމަށް ވަނީ 796.74 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ހަމަޖެހިފައެވެ. މުވައްޒަފުންނަށް ހިނގާ ޚަރަދަށް 2124.64 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ކަނޑައަޅާފައިވާއިރު އެހެނިހެން ރިކަރަންޓް ޚަރަދުގެ ގޮތުގައި 872.62 މިލިއަން ހޭދަ ކުރުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

617 މިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން 330 މިލިއަން ރުފިޔާ އަތޮޅުތަކުގައި ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަށް ކަނޑައަޅާފައިވާއިރު، 65 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ދަރުމަވަންތަ ސްކޫލް ޢިމާރާތް ކުރުމަށެވެ. ހުޅުމާލޭގައި ޤާއިމު ކުރާ އައު ސްކޫލަށް 54 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ މެޑިކަލް ސްކޫލެއް ޤާއިމު ކުރުމަށެވެ. މާލެ ސިޓީ އަދި ފުވައްމުލައް ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް އިންސްޓިޓިއުޝަނެއް ޤާއިމު ކުރުމަށް 27 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ސީއެޗްއެސްސީގެ 8 ބުރީގެ ކްލާސްރޫމް އިމާރާތަށް 22 މިލިއަން ރުފިޔާ ވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.