އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ބަޖެޓުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ބަޖެޓް މަޖިލީހަށް ހުށައެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ފުދުންތެރި އަދި ޖަޒީރާވަންތަ ތަރައްޤީގެ މަންޒިލަކާ ހަމައަށް ވާޞިލުވާން ސަރުކާރުން ވަނީ ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އޭގެ ތެރެއިން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، މައުނަވީ ގޮތެއްގައި ވަޞީލަތްތައް ބޭނުން ކުރުމުގެ ފުރުޞަތު ދިނުމަކީ ސަރުކާރުގެ ޢަމާޒެކެވެ.

ބަޖެޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި، ކައުންސިލްތައް ބާރުވެރި ކުރުމުގެ ގޮތުން ޖެނެރަލް ލެޖަރގެ ކޯޑު ލެވަލްގައި ބަޖެޓުކޮށްގެން ކައުންސިލްތަކަށް ފައިސާ ދޫކުރުން ހުއްޓާލައި، ކައުންސިލްތަކަށް ޚަރަދުކުރުމުގައި އިތުރު މިނިވަންކަން ލިބޭގޮތަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވެއެވެ. އެއީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެއް ކަމަށް އަމީރު ވިދާޅުވިއެވ.

ބަދަލާއި ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ބައެއް މަސައްކަތްތަކާއި މިނިސްޓްރީ ތަކުގެ ދަށުން ހިނގާ ކުދި މަޝްރޫޢުތައް ކައުންސިލްތަކުގެ ދަށަށް ގެންދެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ އަދަދުތައް ހިސާބުކުރެވޭ ގޮތުގެ ތަފްސީލު އަދި ވަކިވަކި ކައުންސިލްތަކަށް މި ފައިސާ ބެހޭގޮތް 2020 ވަނަ އަހަރުގެ ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.