އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ ތިރީސް ހަތް ބިލިއަން ފައްސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ ކަމުގަ އެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ. މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 22.2 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 10.1 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ. ޢާމްދަނީގެ ގޮތުގައި އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. އަންނަ އަހަރު ޓެކްސްގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ. ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ލިބޭނެކަމަށް ލަފާކޮށްފައިވަނީ ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސް(ބީޕީޓީ) އެވެ. އެއީ 4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫންގޮތްގޮތަށް އަންނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 6.9 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ޢާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުން 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ.

އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 5.7 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަ އެވެ. 2020 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރާ ގޮތަށް ބަލާއިރު، ފައިނޭންސިންގ ގެ ބޮޑުބައި ހަމަޖައްސަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ. މިގޮތުން، އަހަރުގެ ތެރޭގައި ހިނގާ މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތަކުން 3 ބިލިއަން ރުފިޔާގެ ޑިސްބާސްމަންޓްސް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ބޭރުގެ މާކެޓަށް 2020 ވަނަ އަހަރުގެ ތެރޭގައި 300 މިލިއަން ޑޮލަރުގެ ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރާތްތަކަށް 564 މިލިއަން ރުފިޔާގެ ޓީ-ބިލާއި ޓީ-ބޮންޑު 2020 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރަން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާ 2019 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނެކަމަށް މިހާރު ބެލެވިފައިވަނީ 5.0 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީ ގެ ނިސްބަތުން ބަލާއިރު 5.7 އިންސައްތައެވެ. އަދި މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ބެލެވިފައިވަނީ 52.5 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 59.8 އިންސައްތައެވެ. ނަމަވެސް މިއަހަރު 58.4 އިންސައްތައަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަަރަނި ދަށަށްދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހިނގަމުންދާ 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެކަމަށް ބެލެވެނީ 5.7 އިންސައްތައިންނެވެ. ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި7.5އިންސައްތައަށްމައްޗަށް ޖެހޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.