ޖަރުމަން ބުންޑަސްލީގާގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ލަދުވެދިގޮތަކަށް އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 5-1 ގެ ބޮޑު ތަފާތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވުމުން އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗް މަގާމުން ވަކިކޮށްފިއެވެ.

ބަޔާންގެ ކޯޗުގެ މަގާމުން ކޮވަޗް ވަކިކުރީ ފަހަކަށް އައިސް އެ ޓީމުގެ ފަރާތުން ފެންނަ ދަށް ކުޅުމުގެ ސަބަބުން އެކަމަށް އިތުރު އެއްވެސް އަލިމަގެއް ނުފެނުމުން ދެ ފަރާތުގެ މެދުގައި ބޭއްވި މަޝްވަރާއަކަށް ފަހުގައި ކަމަށް އެ ކްލަބުގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގާ ބުންޏެވެ.

"ފަހަކަށް އައިސް ޓީމުގެ ފަރާތުން ފެންނަ ދަށް ކުޅުމުގެ އިތުރުން ވޭތުވެދިޔަ ދުވަސްތަކުގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ކޮވަޗް މަގާމުން ވަކިކުރީ. މިކަމާ ގުޅޭގޮތުން (ބަޔާންގެ ރައީސް) އުލީ ހޮއެނަސް އާއި (ސްޕޯޓިންގ ޑައިރެކްޓަރު) ހަސަން ސާލިހަމިޒިޗްއާ އަހަރެން ނިންމި ނިންމުމަކީ ކޮވަޗްއާއެކު ބޭއްވި މަޝްވަރާތަކަށްފަހު ފެނުނު އެންމެ ރަނގަޅު ގޮތް." ބަޔާންގެ ސީއީއޯ ރުމެނިގާ ބުނެފައިވެއެވެ.

ބަޔާންގެ ކޯޗުކަމާއި ކޮވަޗް ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ލީގުގެ އިތުރުން ޖަރުމަނު ކަޕް ކާމިޔާބުކޮށްފައެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ލިވަޕޫލް އަތުން ބަލިވެ އެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކަޓާފައެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ފްރޭންކްފާޓް އަތުން ބަލިވެ ބަޔާނުން ތާވަލްގެ ހަތަރުވަނަ އަށް ވެއްޓިފައިވާއިރު، މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި ތިން މެޗުން ވަނީ އެއްވަރުވެފައެވެ.

މީގެއިތުރުން، ބަޔާނުން މި ސީޒަނުގައި މިހާތަނަށް އައިއިރު ބައިކޮޅަށް ގިނަ ގޯލްތަކެއް ވަދެފައިވާއިރު، މިއީ 2008 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ ޑިފެންސްލައިން އެންމެ އާދައިގެ ގޮތަކަށް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅޭ މެޗާއި ހޮނިހިރު ދުވަހު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގައި ބަޔާނަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު ހަންސް ފްލިކް ކަމަށް އެ ކްލަބުން ނެރުނު ބަޔާނެއްގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.