އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސަ އަހައްމިއްޔަތެއްދީގެން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުރިއަށް އޮތް އެޓަލާންޓާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުޞަތު ނުދޭނެކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އެގޮތުން، އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުމަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ވާދަވެރި ލިވަޕޫލްއާ ދެކޮޅަށް އެންފީލްޑްގައި ނިކުންނަން ޖެހިފައިވީނަމަވެސް، ޔޫރަޕްގައި ކުޅޭ މެޗު ފަސޭހަނުކޮށްލާނެކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތް ސިޓީން ތާވަލްގެ އެންމެ ފުލުގައި ޕޮއިންޓެއްނުލިބި އޮތް އެޓަލާންޓާއާ ދެކޮޅަށް އެންމެ ވަރުގަދަ ޓީމު ނެރޭނެކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

"އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރުމަށްޓަކައި މިވަގުތު ނެގެން އޮތް އެންމެ ވަރުގަދަ ޓީމު ނިކުންނާނެ. އަދި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު އަހަރެމެން ފަސޭހަކޮށްލައިފިނަމަ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގައި މޮޅު ކުޅުމެއް ފެންނާނެކަމުގެ ޔަގީންކަން އެކަކަށްވެސް ނުދެވޭނެ."

"އެންމެ ރަނގަޅު ގޮތަކީ އެޓަލާންޓާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު އެންފީލްޑްގައި ލިވަޕޫލްއާ ދެކޮޅަށް ނިކުތުންކަމަށް ދެކެން." ގާޑިއޯލާ ބުންޏެވެ.

އެހެންނަމަވެސް، ސިޓީން ކުރިއަށް އޮތް ދެ މެޗަށް ނިކުންނައިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލީގުގައި އެންމެ ފަހުން ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކުރި އިތުބާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ އަށް ނުކުޅެވުމެވެ. ސިޓީގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި އައިމެރިކް ލަޕޯޓް އާއި ލެރޯއީ ސާނޭގެ އިތުރުން އޮލެކްސެންޑަރް ޒިންޗެންކޯ އަދި ރޮޑްރީ ހިމެނެއެވެ.

މީގެއިތުރުން، ގާޑިއޯލާ ވަނީ ސިޓީން ވިދިވިދިގެން ތިންވަނަ ފަހަރަށް ޕްރިމިއާ ލީގު ތަށި ކާމިޔާބުކުރަން ބޭނުންވާނަމަ ކޮންމެހެން ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ބަލިކުރަންނުޖެހޭ ކަމަށްވެސް ބުނެފައެވެ. 

އެގޮތުން، ލިވަޕޫލްގެ ދަނޑުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑާ ގުޅޭގޮތުން ގާޑިއޯލާ ވަނީ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބަލިނުވާތާ ކިތަންމެ ދުވަހެއް ވީ ނަމަވެސް ސިޓީން އެ ޓީމު ބަލިކުރެވޭތޯ މަސައްކަތްކުރާނެކަމަށާއި، އަދިވެސް ލީގުގައި ބާކީ ގިނަ މެޗުތަކެއް ހުރުމުން ނަތީޖާތައް ކޮންމެ ގޮތަކަށްވެސް ނިކުމެދާނެކަމަށް ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.