ކާމިޔާބުގެ ރަމްޒަކަށް އެދުވަހު ވެގެން ދިޔައީ، ޢަސްކަރިއްޔާގެ ހިތްވަރާއި ދިވެހި ރައްޔިތުންގެ ފަންވަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

31ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގެ ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއްކަމަށް ސިފަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، ނޮވެމްބަރު 3ގެ ޢުދުވާނުން އެތައް ޢިބްރަތަކާއި ފިލާވަޅުތަކެއް ދިވެހިންނަށް ލިބިގެންގޮސްފައިވާކަމަށެވެ. އެ ޙާދިސާއިން ދިވެހިން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަމެއް ހިނގިޔަ ނުދިނުންކަމަށް ރައީސް ވިދާޅުވިއެވެ."މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް، އެއަށް ވުރެ މާއުޖާލާ ފަތިހަކަށް ނިމިގެންދާ އުޞޫލުން، ނޮވެންބަރު 3 ވަނަ ދުވަހުގެ އިރު އުދަރެހާ ފަރުދާވެގެން ދިޔައީ، ދިވެހި އުޑުގައި، ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން. އާދެ، ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒަކަށް އެދުވަހު ވެގެން ދިޔައީ، ޢަސްކަރިއްޔާގެ ހިތްވަރާއި ދިވެހި ރައްޔިތުންގެ ފަންވަރު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑަކީ، ޤައުމީ އެތައް އަބުޠާލުންގެ ފުރާނައާއި ލެއިން ދިރުން ލިބެމުންއަންނަ ފަސްގަނޑެއްކަމަށެވެ. މާތް ވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބަޠަލުންގެ ފަހަތްޕުޅުގައި ސާބިތުވެ ތިބި ޢާންމު ފަރުދުންކަމަށް ރައީސް ވިދާޅުވިއެވެ.ރައީސްގެ ވާހަކަފުޅުގައި ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ތައްޔާރަށް ތިބި، ރައްޔިތުންތަކެއް އާލާވަމުން އަންނަކަން ފާހަގަކުރައްވައި ވިދާޅުވީ، އެއީ ޤައުމުގެ ހަމަޖެހުމާއި ޞުލްހަމަސަލަސްކަމަށް ރައްޔިތުން އިސްކަންދޭކަމުގެ ހެއްކެއްކަމަށެވެ.އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް އަންނަ ޒަމާނީ ބަދަލުތަކާއި، އާ ޓެކްނޮލޮޖީގެ ޒަރީޢާއިން އަންނަ ކުރިއެރުންތަކާއެކު، ޤައުމުތަކުގެ ޢަސްކަރީ އަދި ދިފާޢީ ބާރަށްވެސް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ."ރާއްޖޭގެ ނިސްބަތުން ބަލާއިރު، ސިފައިންގެ ކޯސްޓް ގާޑަކީ، ޢަސްކަރީ އަދި މަދަނީ ވަރަށް ގިނަ ޚިދުމަތްތަކާ ގުޅިފައިވާ ބައެއް. ރާއްޖޭގެ މިބިޔަ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ ކޯސްޓް ގާޑްގެ ސިފައިން. ކަނޑުމަތީގެ ހާދިސާތަކުގައި، މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައިވެސް، ކޯސްޓް ގާޑުން އަދާކުރަނީ، ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، ކޯސްޓް ގާޑްގެ ވަސީލަތްތައް ފުރިހަމަކޮށް، ތަމްރީނާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އަޅުގަނޑު ޤަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައި ހުންނަންޖެހޭނީ، ސިފައިން ކޮށްފައިވާ ހުވާކަން ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް، ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.