ނ. ވެލިދޫއަށް އުފަން އަހުމަދު ޝާޒިން މުހައްމަދު އޭނާގެ ހިތްގައިމު ކުރެހުންތަކުގެ ފަހަތުގައި ފަނޑުވެފައި ވީނަމަވެސް މިއީ ބޮޑު ސްޓޭޖެއް ހައްޤު އާޓިސްޓެކެވެ. ޝާޒިންގެ ކުރެހުންތަކަކީ އަޖައިބު ކުރުވަނިވި ކުރެހުންތަކެކެވެ. ރަސްމީ ވަޒީފާގައި ޝާޒިންއަކީ ވެލިދޫ ޕޮލިސް ސްޓޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެވެ. އެއަށްފަހު އޭނާ ދެން ވަދެގެން ދަނީ މި އަޖައިބުކުރުވަނިވި ކުރެހުންތަކުގެ ތެރެއަށެވެ.

އާރޓިސްޓެއްގެ ގޮތުގައި މިހިސާބަށް ތަރައްޤީވުމުގެ ކުރިން ޝާޒިން ކުރަހަމުން އައިސްފައިވަނީ ހުސްވަގުތުތަކުގައްޔާއި، މީހުންގެ އެދުމުގެ މަތިން އެއްވެސް އަގަކާއި ނުލައި ހިލޭ ސާބަހަށެވެ. ޝާޒިން ބުނާގޮތުގައި އޭނާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރަކީ އާއިލާގެ ފަރާތުން އައިސްފައިވާ ކަމެއްކަމަށެވެ.

އަސްލު އާއިލީ ކަމެއްކަންނޭނގެ މީ. ބައްޕަ އަކީވެސް ކުރިން ކުރަހާ މީހެއް

ޝާޒިން ބުނާގޮތުގައި އޭނާ ބޮޑަށް ކުރަހާ ހިތްވަނީ އެބްސްޓްރެކްޓް ކުރެހުމެވެ.

ބޮޑަށް ކުރަހާހިތްވަނީ ރިޔަލިސްޓިކް އެއްޗެއްސަށްވުރެ އެބްސްޓްރެކްޓް އެއްޗިހި. އެކަމަކު މިކޮމިޔުނިޓީގައި ބޮޑަށް ބަލައިގަންނަނީ ރިއަލް ލައިފް އާރޓް. އެހެންވެ ގިނައިން ރިއަލް ލައިފް އެއްޗިއްސައް ދެވެނީ. ގިނައިން ކުރެހިފައި ހުންނާނީވެސް ރިއަލް ލައިފް އެއްޗިހި.

ކުރެހުމުގެ ރޮގުން މާބޮޑަށް ކިޔަވަން ބޭނުންނުވާ ޝާޒިން ޤަބޫލްކުރާގޮތުގައި އާރޓް އަކީ ކޮންމެ މީހެއްގެވެސް ވަކިގޮތެއް ވަކި ސްޓައިލެއް އިންނަ އެއްޗެކެވެ.

އާރޓްކިޔަވައިގެން ކުރިއަށް ދިއުމަކީ އަޅުގަނޑު ޤަބޫލުކުރާ ވިސްނުމެއްނޫން. ވިތް އެކްސްޕީރިއެންސް ވީ ވުޑް ލާރން މަޗް ބެޓަރ.

އީވޯލްވް ކޮންސްޓްރަކަޝަންގެ ކޮމްޕެނީ ޑިރެކްޓަރ އެއްގެ ގޮތުގައިވެސް މަސަތްކަތް ކުރަމުންދާ ޝާޒިންއަކީ ޒުވާން ފަހުރުވެރި ވިޔަފާރިވެރިއެކެވެ. މިހާރު އުމުރުން 22 އަހަރުގެ ޝާޒިން އޭނާގެ ހުނަރުވެރި އާރޓްގެ ދުނިޔެ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤުސަދުގައި މި ވިޔަފާރި އޭނާ ފަށްޓާފައިވަނީ އުމުރުމް 19 އަހަރުގައެވެ. "ކޯޓެކްސް" ގެ ނަމުގައި އޭނާ ހުޅުވާފައިވާ މި ފިހާރައަށް ވަދެލުމުން ޝާޒިންގެ ހުނަރުވެރި އެތައް މަސަތްކަތެއް ފެނިގެން ދެއެވެ. މި ފިހާރައިން ވެލިދޫ އިން މިވީހާތަނަށް ލިބެން ނެތް އެތައް ޚިދުމަތްތަކެއް ފޯރުކޮށް ދެއެވެ. އެގޮތުން އެންގްރޭވިން، އަދި ލެއިޒަރ ކަޓް ފަދަ ތަފާތު ޚިދުމަތްތައް ފޯރުކޮށް ދެމުންއަންނަ މިތަނުން ޝާޒިންގެ އަމިއްލަ ފަރުމާކުރުންތަކުގެ ކްރާފްޓްސް އާއި ކުރެހުންތައް އާންމުންނަށް ލިބިގެންދެއެވެ. ވިޔަފާރި ފެއްޓުމަށް ޝައުގުވެރިވި ސަބަބު ކިޔައި ދެމުން ޝާޒިން ބުނީ:،

އޭރު އޭލެވެލް ނިންމާފަ ވަޒީފާއެއްނެތި ހުންނަންޖެހުމުން އައި ކަމެއްމީ. ވަޒީފާ ހޯދުމުގެ މަސަތްކަތް އޭރު ކުރިއިރުގައި މި ޚިޔާލު އައީ. އޭރު މަސަތްކަތްކުރަމުން އައީ އީވޯލްވް ކޮމްޕެނީގައި. އޭގެއިން ލިބިފައި ހުރި ހުރިހާ އިންކަމް އެއް ބަހައްޓާގެން ވިޔަފާރި ފެށީ

ވިޔަފާރި ފެށުމުގައި އެހީތެރިވި ފަރާތެއްގެ ގޮތުގައި އާއިލާގެ އިތުރުން ތޯހާ މުޙައްމަދުގެ ނަން އޭނާ ފާހަގަ ކޮށް ޝުކުރުވެރިވިއެވެ.. މިހާތަނަށް މާގިނަ މުބާރާތް ތަކެއްގައި ވާދަކޮށްފައި ނުވިނަމަވެސް ދާދިފަހުން ނެޝަނަލް އެމްބިއުލަންސް ސަރވިސަސްގެ ލޯގޯ ކުރެހުމުގެ މުބާރާތުގައި ވާދަކޮށް ޝާޒިންގެ ކުރެހުން ވަނީ ކާމިޔާބުވެފައެވެ. އަދި އެލޯގޯ މިހާރު ވަނީ އެމްބިއުލަންސްތަކުގައި ބޭނުންކުރަންވެސް ފަށާފައެވެ. ޝާޒިން ބުނިގޮތުގައި ކުރެހުމުގެ ރޮގުން ދެވެން ހުރި އެންމެ އުހަކަށް ދިއުމަކީ އޭނާގެ އަމާޒެކެވެ.

އާރޓްގެ ދާއިރާއިން ކުރިއަށް ދިމުގައި ޝާޒިންގެ މަންމަ އާއި ބައްޕަ އަދި އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުވެރިވެއެވެ.

މަންމަ އާއި ބައްޕަ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ދެން އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަން ފާހަގަކުރަން. އެންމެ މޯޓިވޭޓްވަނީ ކާފަ، (އަލްމަރްޙޫމް ޤާސިމް މޫސާ) ގެފަރާތުން. މިހާހިސާބަށް މިގޮތަށް އާދެވިފައި މިހުރީ ކާފަ ދިން ހެޔޮލަފާ ނަސޭހަތުން ކަމަށް ބަލަނީ

މި އާދަޔާޙިލާފް ޒުވާނާއަކީ އުމުރުން އެންމެ 18 ގައި އެންޓިބުލީން ސޮސައިޓީއޮފް މޯލްޑިވްސް އުފައްދާ އެސޮސައިޓީގެ ފައުންޑަރ މެމްބަރު ކަން އަދި ޗެއާރމަންކަންވެސް ކޮށްފައިވާ ހިތްވަރުގަދަ ޒުވާނެކެވެ. އެ ސޮސައިޓީގެ ފަރާތުން އެފަދަ އެހީތެރިކަމަށް ބޭނުންވެފައި ތިބި އެތަށް ކުދިންނެއްގެ ދިފާއުގައި އަޑުއުފުލައި ވަކާލާތު ކޮށްފައިވެއެވެ.

ޝާޒިން ބުނިގޮތުގައި އާރޓްގެ މިމަސަތްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަތޮޅުތެރެވީމަ ފުރުސަތުތައް ނެތުމެވެ.

އަސްލު އަތޮޅު ތެރެއިން ލިބެންވާތަރުހީބެއް ނުލިބޭ. މިހާރުވެސް ގިނައިން އޯޑަރ އަންނަނީ މާލެއިން. އަތޮޅު ތެރޭގައި ނެތް އެއްވެސް އޮޕޮޗިނިޓީއެތް. އެއީ އިންނަ ގޮންޖެހުމަކީ.

ފަހުބަހެއްގެ ގޮތުން ޝާޒިން ބުނީ:،

"ލައިފްގައި ޕްލޭންކުރި ގޮތަކަށްނޫން ލައިފް އައިސްފަމިއިނީކީ. އެކަމަކު އިރާދަކުރެއްވިއްޔާމުން ހީކުރިވަރަށް ވުރެން ރަނގަޅަށް ކަންތައްތައް ގޮސްފައި އިނީ. ޕްލޭންކުރި ގޮތަށް ނުދިޔަސް މިހާހިސާބަށް އާދެވުނުއިރު ހީވަނީ ފުދޭވަރެއްގެ އެޗީވްމެންޓްސް ކަންނޭންގެމީ.

މިދާއިރާގައި ކުރިއަށް ދިއުމުގައި އެންމެންގެ ފަރާތުން ލިބެމުންއަންނަ ހިތްވަރަށް އެ އެންމެންނަށްވެސް ޝާޒިންގެ ހިތުގެ އެންމެ ފުންމިނުން އޭނާ ޝުކުރު އަދާކުރެއެވެ. ޝާޒިންގެ ކުރެހުންތަކާއި އޭނާގެ ހުނަރުވެރި މަސަތްކަތްތައް ބައްލަވައި ލައްވަން ބޭނުންފުޅުނަމަ އޭނާގެ ފޭސްބުކް ޕޭޖް SHAZiN'S Art އަދި Cortex ޕޭޖުން އޭނާގެ ހުނަރުވެރި މަސަތްކަތްތައް ފެނިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.