ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ތާވަލްގެ އެގާރަވަނައިގައި އޮތް ލެވަންޓޭ މޮޅުވިއިރު، ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެ، ލީގުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު އެ ޓީމުން ނަގާލައިފިއެވެ.

ރޭގެ މެޗުތަކަށްފަހު އަދިވެސް ލީގުގެ އެއްވަނައިގައި އުޅެނީ 11 މެޗުން 22 ޕޮއިންޓް ހަމަކޮށްގެން ބާސެލޯނާ އެވެ. ރެއާލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ކުރިލިބެނީ ގޯލްގެތަފާތުންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތް ސެވިއްޔާއާ ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމަށްވެސް ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. އެހެންނަމަވެސް، މިވަގުތު ތާވަލްގެ ފަސްވަނައިގައި 20 ޕޮއިންޓާއެކު އޮތް ގްރަނާޑާ އަށް މިރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ ލިބޭނެއެވެ.

ލެވަންޓޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ބާސެލޯނާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، އޭގެފަހުން މެޗުގެ 31 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ ލެވަންޓޭގެ ކީޕަރު އައިޓޯ ފެނާންޑޭޒް މަތަކުރިއެވެ. އެކަމަކު، އޭގެ ހަތް މިނެޓުފަހުން، ބާސެލޯނާގެ ނެލްސަން ސެމޭޑޯ އަށް ލެވަންޓޭގެ ޖޯހޭ މިރަމޮން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ލިއޮނަލް މެސީ ވަނީ ލީޑްނަގައިދީފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، މެސީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލެވަންޓޭގެ ކީޕަރު ފެނާންޑޭޒް އެވެ.

ދެވަނަ ހާފަށް ކުޅެން ނިކުމެ ލެވަންޓޭ އިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމުން ވަނީ ހަތް މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހައި ބާސެލޯނާ ސިއްސުވާލައިފައެވެ. އެގޮތުން، މެޗުގެ 61 ވަނަ މިނެޓުގައި ހޯސޭ ކެމްޕާނާ ޖެހި ލަނޑުން ލެވަންޓޭ ނަތީޖާ ހަމަހަމަކުރިއިރު، އޭގެ ދެ މިނެޓުފަހުން ކެމްޕާނާ ދިން ބޯޅައަކުން ބޯރްހާ މަޔޮރާލް ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ލެވަންޓޭގެ ލީޑް ފުޅާކޮށްދިނީ ނިމެންޔާ ރަޑޯޔާ އެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ޙާފުގައި އެ ޓީމުން ގޯލެއް ކާމިޔާބުކުރި ނަމަވެސް، އެ ބޯޅަ ފޮނުވާލިއިރު އެޑެން ހަޒާޑް އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ގޯލް ގަބޫލުނުކޮށްފައެވެ. މީގެއިތުރުން، ފުރަތަމަ ހާފުގައި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އާއި ޓޮނީ ކްރޫސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ބެޓިސްގެ ނަބީލް ފެކީރް އާއި ލޮރެން މޯރޮން އަށް ލިބުނު ފުރުޞަތުތައްވެސް ވީ ބޭކާރެވެ.

ދެވަނަ ހާފުގައި ރެއާލްގެ ފްރާންސް ފުލްބެކް ފޭލަން މެންޑީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތްނުވިއިރު، މެޗު ނިމެން ދަނިކޮށް ވިނީޝަސް ޖޫނިއާ އާއި ޑެނީ ކަރްވަހާލް ފޮނުވާލި ހަމަލާތައް ބެޓިސްގެ ކީޕަރު ޖޮއެލް ރޯބަލްސް ހުޝިޔާރުކަމާއެކު މަތަކުރިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސެވިއްޔާގެ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފްރޭންކޯ ވަޒްކޭޒް ކާމިޔާބުކުރި ލަނޑާއެކު ސެވިއްޔާ ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މީގެއިތުރުން، ވެލެންސިއާ ވަނީ ރަށުން ބޭރުގައި އެސްޕަންޔޯލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.