ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްގެ ދަށުން ގާނޫނީ އިމުގެ ތެރެއިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖޭއެސްސީގެ ދަށަށް ގެންދިޔުމުން އުއްތަމަ ފަނޑިޔާރު އެކަން ސިފަކުރެއްވީ ނިއުކްލިއަރ ބޮމެއް ފަދަ ނުރައްކަލެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއްކަމަށާއި ރަައްޔިތުންނަށް އެ ވައުދު ފުއްދުމަށް މި ސަރުކާރުން ކުޑައިން މިންވަރެއްވެސް ފަހަތަަށް ނުޖެހޭނެކަމަށެވެ.

އެގޮތުން ވެރިކަން ބަދަލުވުމާއެކު އެ މަސައްކަތް ފަށައިފައިވާއިރު، އެ އިސްލާހަށް އެޅޭ ހުރަހަކަށް އުއްތަމަ ފަނޑިޔާރު ވެފައިވާކަމަށް އިންތި ފާހަގަކުރެއްވިއެވެ. އިންތި ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަމުން ގެންދާއިރު އެ ފަރާތްތަކަށް ގާނޫނުން ލިބިދީފައިވާ ބާރު އުއްތަމަ ފަނޑިޔާރު ގަބޫލުފުޅުނުކުރައްވާކަމަށެވެ.

އެކަމުގެ މިސާލަކަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގައި އޮތް އޮތުން ބަދަލުކޮށް ޖޭއެސްސީގެ ދަށަށް ބަދަލުކުރެވުން ނަންގަވައި އިންތި ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަން ހިންގުމުގެ ގާނޫނުތައް ހަދާނީ ރައްޔިތުންގެ މަޖިލީހުންކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް އިރު އެ ބާބު އެއްކޮށް އުނިކޮށް ޑީޖޭއޭ ސުޕްރީމްކޯޓުގެ އަތްދަށަށް ޢައިރު ގާނޫނީ ގޮތަށް ކުރީގެ ސަރުކާރުގައި ގެންގޮސްފައިވާކަމަށެވެ.

އެގޮތުން އެ ދުވަސްވަރު ބާރާއި ނުފޫޒުގެ ބޭނުންކޮށް ގާނޫނީ ވަކީލުން ސަސްޕެންޑްކޮށް، ދައްކާ ވާހަކައިން ޖިނާއި ދައުވާ އުފުލޭ ގޮތް ހަދާފައިވާކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ގާނޫނު ހެދުމުގެ ބާރުގެ ދަށުން ޑީޖޭއޭގެ ބެލެނެވެރިފަރާތް އެންމެ ފުރަތަމަވެސް ވާގޮތަށް ރުޖޫއަކުރުމުން އުއްތަމަ ފަނޑިޔާރަކަށް ކެތް ނުވިކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ޑީޖޭއޭ ހިންގުމަށް ބައިވަރު މޮޑެލްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަކަމަށާއި ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުން އެއީ މި ސަރުކާރުން އިހްތިޔާރު ކުރި މޮޑަލްގައި ވާގޮތް ކަމަށެވެ. ޑީޖޭއޭގެ ބެލެނެރިވެރި ފަރާތް ބަދަލުކުރުމުން އެއީ "އުޑު ބޮލަށް ވެއްޓުނީ" ނޫންކަމަށާއި ސުޕްރީމްކޯޓުން މުޅި މަންޒަރު ކިލަނބުކޮށް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކޮށްފައިވާކަމަށެވެ.

އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކަމަކާއި ބެހޭގޮތުން ގާނޫނީ މަޝްވަރާ ކުރިޔަށް ގެންދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަޖިލީހުގައި ކުރާ މަސައްކަތަކަށް ބަހެއް ނުބުނެވޭނެކަމަށާއި ގާނޫނު ހެދުމުގެ ފުރަތަމަ އިހްތިޔާރާއި ބާރު ލިބިގެންދަނީ ރައްޔިތުން އިންތިހާބުކޮށްފައިތިބި މަންދޫބުންނަށް ކަމަށެވެ. އެ މަސައްކަތް ކުރަނިކޮށް ސިޓީފުޅެއް ފޮނުވުމަކީވެސް ސުލޫކީ މައްސަލައެއްކަމަށް އިންތި ވިދާޅުވިއެވެ. އިންތި އިތުރަށް ވިދާޅުވީ ސުޕްރީމްކޯޓު އިސްލާހު ކުރުމާއި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ފަސްނުޖެހޭނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.