ލޭބަރ ޕާޓީގެ ފުރަތަމަ ޤައުމީ ބައްދަލުވުން (ކޮންގްރެސް) ބާއްވައި އަސާސީ ގަވާއިދަށް އިސްލާހު ގެނެސް ދާއިމީ ލީޑަރޝިޕް ކޮމިޓީ އިންތިޚާބު ކޮށްފިއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ ދަށުން އަލަށް އުފައްދާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ބާއްވަންޖެހޭ ގައުމީ ބައްދަލުވުން ލޭބަރ ޕާޓީއިން ބާއްވައިފައިވަނީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް 25 އިސްލާހެއް ހުށަހަޅައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. އަދި ކޮންގްރެސްގެ ބައިވެރިންވަނީ އިލެކްޓްރޯނިކް ވޯޓިން މެކޭނިޒަމްއެއް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ބޭނުންކުރުމާމެދު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

އަދި އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާއި އެއްގޮތްވާގޮތުގެ މަތިން އެޕާޓީގެ މިހާރުގެ ލީޑަރޝިޕް ކޮމިޓީ އުވާލާ، ދާއިމީ ލީޑަރޝިޕް ކޮމިޓީއަށް 10 މެންބަރު އިންތިޚާބު ކޮށްފައިވެއެވެ. އެ ޕާޓީގެ ލީޑަރޝިޕް ކޮމިޓީއަކީ ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަންޖެހޭ ފަރާތެވެ. ޕާޓީގެ ޗެއާރޕާސަނާއި އެހެނިހެން މަޤާމްތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ލީޑަރޝިޕް ކޮމިޓީއަށްދީފައެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަކީ ވާތުފިޔައިގެ މެދުމިނުގެ ސިޔާސީ ފިކުރުގެ މައްޗަށް ބިނާވާ ރާއްޖޭގެ ހަމައެކަނި ސިޔާސީ ޕާޓީ އެވެ. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ޙަރަކާތާއި، އިޖުތިމާޢީ އަދާލަތު އަދި އިޖުތިމާޢީ ޑިމޮކްރަސީގެ މައްޗަށް ބިނާވެގެންވާ، ވާތުފިޔައިގެ މެދުމިނުގެ ޕާޓީއެއް ކަމަށްވާއިރު، ބައިނަލްއަޤްވާމީ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޙަރަކާތްތަކާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް އެ ޕާޓީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.