1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަޖުރުލީ ވަގުތު ފަތިސް ނަމާދަށް ތައްޔާރު ވަމުން ދަނިކޮށް ބާރު އަޑުފަށްގަޑެއް އިވެން ފެށިއެވެ. ނޮވެމްބަރު 3 ގެ ޙާދިސާ ތަޖުރިބާ ކޮށްފައި ހުރި މީހަކު ބުނި ގޮތުގައި ބަޑީގެ އަޑުފަށްގަޑު އިވުމުން އޭނާ ފުރަތަމެސް ނިންމީ އެއީ ނޮވެމްބަރު 11 އަށް ސިފައިން ތައްޔާރު ވަނީ ކަމަށެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކުރަމުގައި އަވަދިނެތި އުޅެމުންދިޔައިރުވެސް ރޭޑިއޯއިން އެއްވެސް ޕްރޮގްރާމެއް ނާންނަކަން ފާހަގަވިއެވެ. ހައިރާންކަމުގައި ހުށްޓާ ގެއަށް ފޯންކޯލްތައް އަންނަންފެށިއެވެ. އޭރު ގާތްގަޑަކަށް ގަޑިން 7 ޖަހާކަންހާއިރެވެ. ސަރުކާރުގައި އިސް މަޤާމުތަކުގައި ތިބި ގާތްތިމާގެ މީހުން ގުޅައި ވެގެން އުޅޭގޮތް ކޮންމެސްވަރަކަށް އަންގައިދިނެވެ. އަދި ގޭގައި ތިބި ސްކޫލްކުދިން އެއްވެސް އިތުރު ޙަރަކާތަކަށް ނުފޮނުވުމަށާއި އެއްވެސް މީހަކު ގެއިން ބޭރަށް ނުދިއުމަށް ނަސޭޙަތްތެރިވިއެވެ. އެހިސާބުން އެންމެންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވިއެވެ. ހިތްބަލި މީހުން ރޯންފެށިއެވެ. ގޭގައިތިބި ދޮށީއުމުރުފުރައިގެ މީހުން ކާޑުގެ ދަތިކަން ދިމާވެ ކާބޯތަކެއްޗަށް ދަތިވެ ބަޑަށްޖެހިދާނެ ކަމަށް ލަފާކޮށް އެކަމުގެ ބިރު އިޙްސާސް ކުރިއެވެ. އެހެންނަމަވެސް ކާބޯތަކެތި ގަންނަން ބޭރަށް ނުކުންނާނެ ހިތްވަރެއް އެއްވެސްމީހެއްގެ ނެތެވެ.

މިއީ އެދުވަހުގެ ބިރުވެރިކަން ތަޖުރިބާކުރި އާއިލާއެއްގެ އިޙްސާސްތަކެވެ.

ޤަބޫލްކުރަންޖެހޭ ހަޤީޤަތަކީ ދިވެހިންގެ މެދުގައި ޒަމާނުންސުރެން އިސްލާމްދީން ދެމިއޮތުމާއި ދިވެހިންގެ އެއްބައިވަންތަކަމާއި އަމަން އަމާންކަން މިބިމުގައި ގުޅިލާމެހިފައި އޮތުމަކީ ޢަދުއްވުންގެ ހިތްތަކަށް ފަސޭހަކަމެއް ނޫންކަން ދިވެހިންގެ ތާރީހަށް ނަޒަރުހިންގާލުމުން ހާމަވެގެންދާކަމެވެ. އެގޮތުން އައްސުލްޡާން އަލީ ހަވަނަ ޢަދުއްވުންނާއި ކުރިމަތިލައްވައި ޝަޙީދުވެވަޑައިގަތީވެސް އިސްލާމްދީން ދިފާއު ކުރުމަށެވެ. އަދި ޤާޒީ ބޮޑުތަކުރުފާނުގެ ޖިހާދަކީވެސް މިދީނުގެ ދިފާއުގައި ކުރެވުނު ލާމަސީލު ޖިހާދެކެވެ. ދޮންބަންޑާރައިންގެ ޖިހާދުންވެސް ފެންނަންއޮތީ ހަމަ މި ހަޤީޤަތެވެ.

މިގޮތުން މީގެ 31 އަހަރުކުރިން ޒަމާނީ ހަތިޔާރާއި އެކު ސްރީލަންކާގެ ވަކިވެގަތުމަށް ހަގުރާމަކުރަމުންދިޔަ ޕީޕަލްސް ލެބަރޭޝަން އޮފް ޓެމިލްއިލަމް ނަމަކަށް ކިޔާ ޖަމާއަތެއްގެ ބަޔަކު ގޮވައިގެން ދިވެހި ބަޔަކު އަރާ ދިން ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމަށް ޒުވާން ޝަހީދު ޙުސައިން އާދަމްގެ ފުރާނަ އަށްޑަނައަކައް ހެއްދެވީވެސް ހަމަ މިދީނާއި މިޤައުމުގެ މިނިވަންކަމުގެ ހިމާޔަތުގައެވެ.

ނޮވެމްބަރު 3 ގެ ބާޤީންގެ ކިބައިން މިޤައުމު ސަލާމަތްވެ ދިވެހިންނަށް ލިބުނު ނަސްރުގެ އުފާ ފާހަގަކުރާތާ 31 އަހަރު ވެގެން ގޮސްފައިވިޔަސް ހަޤީޤަތަކީ އެހެން ސިފައެއްގައި އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަން ނަގާލަން މިއަދުވެސް މަސަތްކަތް ކުރަމުންދާކަމެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނުގައި 19 ދިވެހިން ޝަހީދުވެގެން ދިޔައިރު އޭގެތެރޭގައި ދިވެހި އަސްކަރިއްޔާގެ 8 ބަޡަލުން ހިމެނެއެވެ. އެ ބަޡަލުން ޝަހީދުވެގެންދިޔައީ ދުޝްމަނުންގެ ޒަމާނި ބަރުހަތިޔާރުތަކުގެ ކުރިމަތީގައި ހުޝިޔާރުކަމާއިއެކު ޖިހާދުކޮށް ހަށިގަނޑާއި ފުރާނައިން ޤުރުބާންވެ މުޅިމިބިން ފަޚުރުވެރި ކޮށްފައެވެ.

އެދުވަހަކީ ދިވެހި އުންމަތުގެ ލޮބުވެތި އެންމެހާ ރައްޔިތުން އެކިގޮތްގޮތުން އެ މަތިވެރި ޖިހާދުގައި ބައިވެރިވި ދުވަހެކެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު އެދުވަހު ދިވެހިން ހޯދި ނަސްރު ދިވެހިންގެ ހިތްތަކުން ދުވަހަކުވެސްް ފިލާގެން ނުދާނެއެވެ. މިދިވެހި ޤައުމު ދެމި އޮތްހާހިނދަކު މިދެންނެވި ޝަހީދުންގެ ޒިކުރާ އައު ކުރާނެއެވެ. އެހިތްވަރުގަދަ ބަޡަލުންނަށް ހިތާއި ދުލުން މެއާއި ވިންދުން އަބަދުވެސް ޝުކުރު ކުރާނަމެވެ. އެމުޖާހިދުންނަށް ތާއަބަދު ކުރުނީސް ކުރާނަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.