މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމްއަށް ފުލުހުން ނޯޓިސް ފޮނުވުމުން، ރައްކަތެރި މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ފުލުހުންނަށް ހާޒިރުވާން އުޒުރުވެރިވެއްޖެ އެވެ.

އެމްޑީއެން ރިޕޯޓުގެ ތަހުގީގަށް ފުލުހުން ވަނީ ޝަހިންދާ އާއި އަޒްރާ އެ އޮފީހަށް ހާޒިރުވުމަށް ދެ ހަފްތާގެ މުއްދަތެކެވެ. އެހެން ނަމަވެސް ރިޕޯޓު ނެރުނު އިރު ވެސް އެ ދެ މީހުން ހުރީ ރާއްޖެއިން ބޭރުގަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހުންނަށް ޗިޓް ލިބިފައިވާ ކަން ކަަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހާޒިރުވުމަށް ޗިޓު ފޮނުވުމުން ޝަހިންދާ އާއި އަޒްރާ ވެސް ވަނީ ރާއްޖެ އައުމަށް އުޒުރުވެރިވާ ކަމަށް ބުނެފަ އެވެ. އެއީ ރާއްޖޭގައި އެ މީހުންނަށް ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް އެ މައްސަލާގައި އިތުރަށް ކުރިޔަށް ދިޔުމަށް ނިންމާފައިވާ ގޮތެއް ނުވަތަ އަޅާނެ ފިޔަވަޅެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ދީނީ ތިން އިލްމުވެރިންނާއެކު ހެދި އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ނިންމައިފަ އެވެ. އަދި އެކަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީއަށް ވަނީ ސިޓީއަކުން އަންގައިފަ އެވެ.

އެމްޑީއެން ރިޕޯޓު މައްސަލަ ފެންމަތިވުމުން އެ ޖަމިއްޔާ އުވާލުމަށާއި އެ ރިޕޯޓު އެކުލަވައިލި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެތަށް ބަޔަކު ދަނީ ގޮވާލަމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގެ ކައުންސިލްތަކުން އެކަމާ ދެކޮޅަށް ބަޔާން ނެރެ މާލެ އާއި ގިނަ ރަށްތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.